މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގައި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޚިދުމަތްތައް ކޮށްދީފައިވާ ވަކިވަކި ފަރުދުން ފާހަގަކޮށް، ދޭ ޕީޕަލްސް އެޑިޝަން އެވޯޑްސް ޚާއްސަ ހަފްލާއަކާ އެކު އަންނަ ހަފްތާގައި ރަސްމީކޮށް ލޯންޗުކުރަން ތައްޔާރުވެއްޖެއެވެ.

ޓްރެވަލް އެވޯޑްސްގެ ކޮމްޕޯނެންޓެއްގެ ގޮތުގައި ޕީޕަލްސް އެޑިޝަން އެވޯޑްސް އެންމެ . އެ އެވޯޑްސްގައި ފަތުރުވެރިކަމުގެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކެއްގެ އަގު ވަޒަންކޮށް، އެވޯޑު ދީފައިވެއެވެ.

މިދިޔަ އަހަރު 10 ފަރާތެއް ފާހަގަކޮށް، އެވޯޑު ދީފައިވެއެވެ. އެހެން ނަމަވެސް މި އަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ފަސް ފަރާތަކަށެވެ. އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ސެކްޓަރތަކުގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ) "ސަން"އަށް ވިދާޅުވީ، މިއަހަރުގެ ޕީޕަލްސް އެޑިޝަން އެވޯޑްސް ލޯންޗުކުރުމަށް އަންނަ ހަފްތާގައި ވަރަށް ޚާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު --

ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާއި މީޑިއާއަށް ދައުވަތު ދީގެން މި ހަފްލާ ބާއްވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަކީ ރާއްޖޭގައި ހިންގާ ލަގްޒަރީ ރިސޯޓުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޕްރޮޕަޓީއެކެވެ. މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި އެ ރިސޯޓަށް ވަނީ ތިން އެވޯޑެއް ލިބިފައެވެ.

އެއީ ލީޑިންގް ފެމިލީ ރިސޯޓު، ލީޑިންގް އެފްއެންޑްބީ ރިސޯޓު، އަދި ލީޑިންގް ހިއުމަން ރިސޯސް މެނޭޖްމެންޓެވެ.

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން އެވޯޑްސް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ޓްރެވަލް އެވޯޑްސް ގާލާ ހަފްލާގެ ތެރެއިންނެވެ.