08 Sep 2011, 17:59
ހއ. މުރައިދޫ ރަށު ކައުންސިލްގެ ދޮރުގެ ތަޅުވަޅަށް ބަޔަކު އަލްޓިކޯ އެޅި މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރުކޮށް އިތުރަށް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މުރައިދޫ ކައުންސިލްގެ ރައީސް އަޝްރާހު އަބުދުﷲ މިއަދު ވިދާޅުވީ ފުލުހުން ހައްޔަރުކުރި ތިން މީހުންނަކީ ރަށުގެ ރައްޔިތުން އިއްޔެ ކުރި މުޒާހަރާއަކާ ގުޅިގެން ހައްޔަރު ކުރި ބައެއް ކަމަށެވެ. އަޝްހަރު ވިދާޅުވީ ހައްޔަރު ކުރި ތިން މީހުންނަކީ ރަށު ކައުންސިލްގެ ދޮރުގެ ތަޅުވަޅަށް ބަޔަކު އަލްޓިކޯ އެޅި މައްސަލަ އާ ގުޅުން ހުރި ބައެއް ނޫން ކަމަށެވެ.
އަދި ފުލުހުން ހައްޔަރު ކޮށްގެން ގެންދަން މަސައްކަތް ކުރީ ހަތަރު މީހުން ކަމަށާއި ނަމަވެސް އެކަކު އެވަގުތު ހޭނެތިގެން އެޑްމިޓްކޮށްފައިވާ ކަމަށް ވެސް އަޝްހަރު ވިދާޅުވި އެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކައުންސިލުން ފުލުހުން ނިކުތަ ނުދީ އިއްޔެ ހިފެހެއްޓީ، ފުލުހުން ކުރިން ބަލާފައިވާ މައްސަލަތަކެއް ބަޔާން ނެގުމަށް ފަހު، ފަހުން އެކަމާ ބެހޭ އެއްވެސް ހަބަރެއް ނުވާތީ ކަމަށް ވަނީ ބުނެފަ އެވެ.
"ރައްޔިތުން ތިބީ ކައުންސިލްގެ ދޮރުމަތީގައި ޖޯލިފަތި އަތުރައިގެން. ފުލުހުން ތިބީ ކައުންސިލް ތެރޭގައި. މީގެކުރިން ވެސް މިރަށު ބޮޑު ހަރުގެ އަންދާލި މައްސަލަ އާއި ރައްޔިތުންނަށް ކަރަންޓްދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް އަންދާލި މައްސަލައަކާއި ކައުންސިލަރެއްގެ ގޭގެ ވަޅަށް ކަޅު ތެޔޮ އެޅި މައްސަލައެއް ވެސް އެބައުޅޭ ވީނުވީއެއް ނޭނގި. އެހެންވެ ރައްޔިތުން ބޭނުން ވަނީ އެކަންތައް ގޮސް އޮތް ހިސާބެއް ބަލަން،" އަޝްރާރު ވިދާޅުވި އެވެ.
މުރައިދޫ ކައުންސިލް އޮފީސް އިއްޔެ ހެނދުނު ހުޅުވަން ބެލި އިރު ބަޔަކު ވަނީ ދޮރުގެ ތަޅު ވަޅަށް އަލްޓިކޯ އަޅާފަ އެވެ. އެކަން އެނގުނީ އިއްޔެ ހެނދުނު އޮފީސް ހުޅުވަން އައިއިރު ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ނުޖެހިގެން ބެލުމުންނެވެ. އަދި އިއްޔެ އެއްކޮށް ރަށު ކައުންސިލްގެ އޮފީސް ހުރީ ބަންދުކޮށްފަ އެވެ.