30 May 2010, 10:27
14:30
އިޖްތިމާޢީ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ފައިސާގެ ޢަދަދު، ސަރުކާރުގެ ޚަރަދު ކުޑަކުރެވުނު މިންވަރަކުން އިތުރުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވުނީމާ ނޫނީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ ކަމަށެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ މަޝްރޫޢުގެ ބޭނުންފުޅަކީ، ނިކަމެތި ރައްޔިތުންގެ ފަހަތުގައި ސަލާމަތުގެ ދަލެއް އަޅުއްވައިދެއްވައި، އޭގެ ފަހަތަށް ވެއްޓުނަނުދީ، ހިފެހެއްޓޭނެ ގޮތެއް ހޯއްދަވައި ދެއްވުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރެއްވުމަށްޓަކައި ތަފާތު 10 ބާވަތެއްގެ ސީދާ އެހީ ރައްޔިތުންނަށް ފޯރުއްވައިދެއްވަމުން ގެންދަވާކަން އެމަނިކުފާނު ވިދާޅުވި. އެ އެހީތައް ފޯރުއްވައިދެއްވުނީމާ ރައްޔިތު މީހާއަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، މަސައްކަތާއިގެން ކުރިއަށް ދެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް މިވަގުތު ބޭނުންވެފައި އޮތް އެންމެ މުހިންމު ކަމަކީ، ވެލްފެއަރ ދައުލަތެއް ނުވަތަ އޯގާތެރި ދައުލަތެއް ހޯއްދަވައިދެއްވުން ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް، އެހީ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުން އުނިކުރެއްވި ޢަދަދު، އަނބުރާ އިޢާދައެއް ނުކުރައްވާނެ ކަމަށާއި، އެ ޢަދަދު އެއޮތް ގޮތުގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ހަގީގީ ތަރައްގީ އަޅުގަނޑުމެން ބޭނުމިއްޔާ އަޅަންވީ ކޮންކްރީޓެއް ނޫން ކަމަށާއި، އަޅުގަނޑުމެން ޚަރަދު ކުރަންވީ މީހުންނަށް ކަމުގައި ވިދާޅުވި އެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން، ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ މައިގަނޑު ޚިދްމަތްތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަނާއި، މަދަނައިގެ ދަށުން ދޭ ބޭސްފަރުވާގެ އެހީ އާއި، އެކަނި ދަރިން ބަލާ މައިންނާއި ބަފައިނަށް ދޭ އިނާޔަތާއި، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އިނާޔަތާއި، ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ދޭ އިނާޔަތާއި ދިރިއުޅުމުގެ ޒަރޫރީ ޚަރަދުތައް ނުފުއްދޭ ފަރާތްތަކަށް ދޭ އިނާޔަތް އަދި ލޯފަން މީހުންނަށް ދޭ ޚިދުމަތްތައް ހިމެނެ އެވެ.
#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#