08 Sep 2011, 17:55
ބަނގުރާ ކެއްކުމަށް ބޭނުން ކުރާ އެއްޗެއްސާއި ކައްކާފައި ހުރި ބަނގުރަލާ އެކު އައްޑޫ ސިޓީގެ ސ. ހިތަދޫން ދެ މީހަކާއި އެ އަތޮޅު މީދުން މަސްތުވާތަކެއްޗާ އެކު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ މީދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރި މީހަކު ފުލުހުން ގޮސް ޗެކް ކުރަން އުޅުމުން އެ އެއްޗެހިތައް އުކާލުމަށް ފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ އަތުން މަސްތުވަތަކެތި އަޅާފައި ހުރި ހަތް ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވެސް އިއްޔެ ހަވީރު 5:00 ޖަހާއެހާކަންހާ އިރު ހިތަދޫ ވަލުތެރޭގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުން ދިޔަ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ދެ ފިރިހެނުން ކަމަށެވެ.
އަދި އެމީހުން ކައްކާފައި ހުރި ބަނގުރާ އަޅާފައި ހުރި 20 ލީޓަރުގެ ހަމެއް ވެސް އެ ސަރަހައްދުން ފެނިފައިވާ އިރު ބަނގުރާ ކެއްކުމަށް ބޭނުން ކުރާ އާލާތްތައް ވެސް އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.