ކްލަބު އީގަލްސްގެ ފަހަތުން މޮޅު ކުޅުމެއް ދެއްކި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ށ. ފޯކައިދުއާ ގުޅިއްޖެ އެވެ.

މިދިޔަ އަހަރު އީގަލްސްއަށް އައުމުގެ ކުރިން ރާމޯސް ކުޅެފައި ވަނީ އޭނާގެ އަމިއްލަ ގައުމުގެ އެކި ޑިވިޝަންތަކަށެވެ. އެގޮތުން އޭނާ ވަނީ މިސްރުގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ނުޖޫމް އަލް މުސްތަގްބަލް އާއި އެގައުމުގެ ޕްރިމިއާ ލީގުގެ ކުލަބް ވާދީ ނުޖޫމްއަށް ވެސް ކުޅެފައިވެ އެވެ.

މިދިޔަ ސީޒަންގައި އީގަލްސްގެ ފުރަތަމަ 11 އިން ބަރާބަރަށް ޖާގަ ހޯދި ރާމޯސް މި ސީޒަންގެ ކުރީ ކޮޅުގައި ވެސް އީގަލްސްއިން ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ 11 އިން ފެނުނެވެ. މާލޭ ލީގުގައި އެޓީމުގެ ޑިފެންސަށް ބައެއް މައްސަލަތައް ދިމާވެފައިވާ އިރު، ލީގުގެ ފަހުކޮޅުގައި އެޓީމުން ކުޅުނު މެޗުތަކުގައި ރާމޯސް ފެނިފައެއް ނުވެ އެވެ.

ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ފޯކައިދޫ ވަރުގަދަ ކުރަމުންދާ އިރު، ޕްރިމިއާ ލީގުގައި އެޓީމަށް އިރުޝާދު ދޭނީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގަށް އއ. މާޅޮހާ އެކު ނުކުތް، އަލީ ނިސްތާރެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫން، މިނިވަން ޗެމްޕިއަންޝިޕަށް ވެސް ނުކުތީ ބިދޭސީ ކުޅުންތެރިންނާ އެކުގަ އެވެ. ފައިނަލްގައި ތ. ތިމަރަފުށި އަތުން ފޯކައިދޫ ބަލިވެފައިވާ އިރު، އެ ދެޓީމުގެ އިތުރުން، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމުތަކަކީ ބ. ފެހެންދުއާއި ފ. ނިލަންދު އެވެ.