12 Jun 2018, 10:16
އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމްއިން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި ފަސޭހަ ކަމާއެކު ކޮސްޓަ ރީކާ ބަލިކޮށްފިއެވެ.
އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި "ސަޕްރައިޒް" ޓީމެއްގެ ގޮތަށް ފެނިގެން ދިޔަ ކޮސްޓަ ރީކާއާ ދެކޮޅަށް ބެލްޖިއަމްއިން ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

ބެލްޖިއަމްއިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ/ ބެލްޖިއަމް
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވަޑް، ރޮމެލޫ ލުކާކޫ މެޗުގައި ދެ ގޯލް ޖަހައިފައިވާ އިރު، ބެލްޖިއަމްގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ޑްރައިސް މާޓެންސް އަދި މިޗީ ބަޓްސްޗުއާއީއެވެ.
މެޗުގައި ކޮސްޓަ ރީކާގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރައިން ރުއީޒެވެ. ރޭގެ މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމް ކެޕްޓަން އެޑިން ހަޒާޑުގެ ފަޔަށް ލިބުނު ކުޑަ އަނިޔާއަކާއެކު އޭނާ ދަނޑުން ބާލާފައިވެއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ހަޒާޑްގެ ފަޔަށް ކަންބޮޑުވާވަރުގެ އަނިޔާއެއް ނުވާ ކަމަށާއި، ރޭގެ މެޗުގައި ހަޒާޑްގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ބެލްޖިއަމްއާއި ކޮސްޓަ ރީކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ބެލްޖިއަމްއަކީ ވޯލްޑް ކަޕްގެ ތަށްޓައް ވާދަކުރާނެ ޓީމެއް ކަމަށް ބުނަމުންދާ އިރު، އެޓީމުގައި ގިނަ ތަރިންތަކެއް ހިމެނެއެވެ. ރަޝިޔާ ވޯލްޑް ކަޕަށް ގިނަ ޓީމުތަކެއް މިހާރު ރަޝިއާއަށް ގޮސްފައިވާ އިރު، މިއަދުގެ ވަގުތެއްގައި ބެލްޖިއަމްވެސް ރަޝިއާއަށް ދާނެއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ހިމެނެނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ބެލްޖިއަމްގެ އިތުރުން ދެން ހިމެނެނީ އިނގިރޭސިވިލާތާއި ޕެނަމާ އަދި ޓިއުނޭޝިއާއެވެ.