ބާދަނގަނޑުތަކެއް ގަންނަން ދިވެހި ވިޔަފާރިވެރިއަކަށް އިންޑިޔާގެ މީހަކު ދިން ފައިސާތަކެއްގެ މައްސަލާގައި ދިވެހި މީހާ އާއި އޭނާގެ އިންޑިޔާގެ ޅިޔަނު ޓެމިލްނާޑޫގެ ސޫތުކުޅި ]ޓުޓިކޮރިން[ގައި ކިޑްނެޕްކޮށްގެން އުޅޭ ކަމަށް އިންޑިޔާގެ ހުންނަ ދިވެހި ކޮންސިއުލޭޓްގެ އޮފީހުން މިއަދު ބުނެފި އެވެ.

ކޮންސިއުލޭޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރުކްޝާން ކޮންސްޓްރަކްޝަނާއި މޯލްޑިވްސް ކޮމާޝަލް އިންވެސްޓްމަންޓްގެ ވެރިޔާ މުހައްމަދު ރުކްޝާން އާއި އޭނާގެ ދައްތަގެ ފިރިމީހާ އީމާން، އިންޑިޔާ ބަޔަކު ޓެމިލްނާޑޫއަށް ގެންދިޔައީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ޓްރެވިންޑްރަމްގައި އެމީހުން ދިރިއުޅޭ ގޭގައި ތިއްބައި ކަމަށެވެ. އަދި އެމީހުންނަކީ ރުކްޝާންމެންނާ އެކު ދަނގަޑުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ރުކްޝާނަށް ފައިސާ ދިން މީހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ރުކްޝާނާއި އޭނާގެ ޅިޔަނު ގޮވައިގެން އެމީހުން އެންމެ ފުރަތަމަ ދިޔަ ކަމަށް ވަނީ ޓެމިލްނާޑޫގެ ފުލުހުންގެ އިދާރާ އަށް. ނަމަވެސް ފުލުހުން އެ މައްސަލަ ނުބެލުމުން އެމީހުން ކާރުގައި އަނެއްކާ ވެސް ނައްޓާލީ އެ ދެ މީހުން ގޮވައިގެން،" އާއިލާއާ ހަވާލާދީ ކޮންސިއުލޭޓްގެ އޮފިޝަލް ވިދާޅުވި އެވެ.

އެމީހުން ރުކްޝާންމެން ކިޑްނެޕްކޮށްގެން ގެންދިޔަ ފަހުން ވެސް އޭނާއާ ވާހަކަ ދެއްކުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ރާއްޖެ އިން އިންޑިޔާ އަށް ބާ ދަނގަޑު ގެންގޮސް ދިނުމަށް އެދި އެމީހުން ރުކްޝާނަށް އެޑްވާންސްކޮށް 4،000 ޑޮލަރު ދީފައިވާ ކަމަށް ވެސް ރުކްޝާނާ ހަވާލާދެއްވައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު އެމީހުން ބާ ދަނގަޑު ވެސް ބޭނުން ނުވާ ކަމަށާއި އެމީހުން ބޭނުން ވަނީ ގެއްލުމުގެ ބަދަލާ އެކު 500،000 އިންޑިޔަން ރުޕީސް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި އޮފިޝަލް ވިދާޅުވީ ރުކްޝާނަށާއި އޭނާގެ ޅިޔަނަށް އިއްޔެ އެ މީހުން އަނިޔާ ކުރި ކަމަށް ރުކްޝާން ބުނެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމީހުންނާ އެކު ރުކްޝާންމެން މިހާރު ފައިސާގެ މުއާމަލާތްތައް ހައްލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ ރުކްޝާންގެ ޅިޔަނު އޯނަމް ފެސްޓިވަލް އަށް ޓްރެވިންޑްރަމަށް ފޮނުވުމަށް ފަހު އަނބުރާ ޓެމިލްނާޑޫ އަށް ގޮސް، އޭނަ އެމީހުން ކައިރީގައި ގެރެންޓީއެއްގެ ގޮތުގައި މަޑުކުރުމަށް ފަހު ރުކްޝާން މާލެއަށް ފައިސާ ފޮނުވުމަށް ފޮނުވާލާ ގޮތަށް ވަނީ އެއްބަސްވެފަ އެވެ. އަދި އެފައިސާ ފޮނުވުމުން އޭނާގެ ޅިޔަނު ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އާއިލާއާ ހަވާލާދެއްވާ އޮފިޝަލް ވިދާޅުވި އެވެ.

ރުކްޝާންއާއި އޭނާގެ އިންޑިޔާ ޅިޔަނު އިންޑިޔާގެ ބަޔަކު ހިފަހައްޓައިގެން އުޅޭ މައްސަލައާ ބެހޭ ހުރިހާ މައުލޫމާތެއް ފޮރިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކޮންސިއުލޭޓުގެ އޮފީހުން ބުންޏެވެ.

ރުކުޝާންގެ އާއިލާ އަކީ މި އަހަރުގެ ކުރީކޮޅު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެމީހުންގެ ގެ، ގ. ސާލިމިއްޔާ އެނދުމުން އިންޑިއާގައި ދިރިއުޅެމުން އަންނަ އާއިލާ އެކެވެ.

މިކަމާ ގުޅިގެން އަދި ރުކްޝާންގެ އާއިލާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.