އިދިކޮޅު އެމްޑީޕީގެ ފަރާތުން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަކީ ގާނޫނާ ޚިލާފު ބޮޑު ޖަރީމާއެއް ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްކޮށް އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާއިރު، އެއީ ޕްރައިމަރީއެއް ނޫން ކަމަށާއި އެއީ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ.

ގާނޫނާ ޚިލާފަށް ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމީހަކު ހުރި ތަނަކަށް ގޮސް ވޯޓް ލައި ހެދުމަކީ މިނިވަންކަމާއެކު ބާއްވާ އިންތިޚާބެއްގައި ކަންކުރާ ގޮތެއް ނޫންކަން ކަމަށް އަޒްލީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ކުރިމަތީގައި ޑިމޮކްރަސީއަށް ކުރި ބޮޑު މަލާމާތަކާއި ބޮޑު ފުރައްސާރައެއް ކަމަށެވެ.

"ގާނޫނާ ހިލާފުކަމަށް އިލެކްޝަން ކޮމިޝަނުން އަންގާފައި އޮއްވައި އަދި ދިވެހިރާއްޖޭގެ ކޯޓަކުން އަމުރެއް ނެރެފައި، މިވަގުތުން މިވަގުތަށް ހުއްޓާލުމަށްޓަކައި ރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް އަމުރު ކޮށްފައި ވަނިކޮށް، އެތައް މުއައްސަސާތަކެއްގެ މީހުން މެދުވެރިކޮށް މިކަންތައްތަކެއް ކުރުވީ. ގާނޫނާ ޚިލާފު ބޮޑު މާސިންގާ އަމަލެއް ޖަރީމާއެއް އެ ހިންގީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންދިޔައީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން އެ ޕްރައިމަރީ ނުބޭއްވުމަށް އެމްޑީޕީގެ މައްޗަށް އެ ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

އެ ޕްރައިމަރީ ކުރިއަށްގެންދާނަމަ ވޯޓުލުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށް ސިވިލް ކޯޓުގެ އަމުރުގައި ވަނީ އަންގާފައެވެ.

އެ ޕްރައިމަރީގައި ބައިވެރިވި ކައުންސިލަރުންގެ މައްސަލަ އެލްޖީއޭ އިން ވަނީ ބަލަން ފަށާފައެވެ. އެގޮތުން އެކަމަށް ޖަވާބުދާރީ ވުމަށް ގިނަ ކައުންސިލަރުންނަށް އެލްޖީއޭގެ ފަރާތުން އަންނަނީ ސިޓީ ފޮނުވަމުންނެވެ. އަދި ގިނަ ކައުންސިލަރުންވަނީ އެލްޖީއޭއަށް ޖަވާބުދާރީ ވެފައެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް މައްސަލައެއް ބަލައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކަމަށް ބުނާ އެއް ކެންޑިޑޭޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަޒްލީން ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ފިކުރާ، އިދިކޮޅުގައި ހިމެނޭ އެހެން ޕާޓްނަރުންނާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ ކަމަށެވެ.

އަދި އިދިކޮޅު ޕާޓީތަކުން ގުޅިގެން ކުރާ މަސައްކަތަށްވުރެ ފެނިގެންދަނީ ވަކިވެފައިވާ، އެބަޔަކަށް ކުރިއެރުންތަކެއް ހޯދުމަަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ..

"އެއް ކެންޑިޑޭޓަކު އައުމުގެ ފުރުސަތު ވަރަށް ކުޑަ. ހާއްސަ ގޮތެއްގައި އެއް ކެންޑިޑޭޓަކު އެކަހެރި ކޮށްލާފައި އެމްޑީޕީގެ ކެންޑިޑޭޓަކު މިފަހަރު ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމަކީ ވެސް ހަމަ ވަރަށް ނާދިރުކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެއަށްވުރެ ސިޔަސީ ގޮތުން އެބޭފުޅުންގެ މުށްބާރު،" މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުނިކުމެވޭކަން އެމަނިކުފާނަށާއި އެމްޑީޕީއަށް ހެޔޮ އެދޭ އެހެން ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ގާނޫނީ ގޮތުން ތަންފީޒު ކުރަންޖެހޭ ބޮޑު ހުކުމެއް އޮތް ބޭފުޅަކު ރިޔާސީ އިންތިޚާބެއްގައި ވާދަކުރުމަކީ އަރަތަކަށްވާނެ ކަމެއް ކަމަށް އަޒްލީން ވިދާޅުވި އެވެ.