11 Jun 2018, 20:41
ރަސްރަނި ބަގީޗާގައި ހަދާ "ވިންޓާ ޕާކް" އަންނަ ފިތްރު އީދު ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ސީއެސްއާރުން ހަރަދުކޮށްގެން ހަދާ ވިންޓާ ޕާކް އިމާރާތް ކުރަން ފެށީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެތަން ނިމިގެން މިދާ ރޯދައިގެ ކުރިން ހުޅުވޭނެ ކަމަށް މިނިސްޓަރު މުއިއްޒު މީގެ ކުރިން ވިދާޅުވި އެވެ.
ނަމަވެސް ވިންޓާ ޕާކްއާ ގުޅޭގޮތުން މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެތަން ފިތްރު އީދުގައި ހުޅުވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ، އެތަން ހުޅުވަން ލަސްވެގެންދަނީ އެތަނަކީ ވަރަށް ފުރިހަމަކޮށް އެއްވެސް މައްސަލައެއް ދިމާނުވާނެ ގޮތަކަށް ފިނިހޫނުމިން ދެމެހެއްޓޭނެ ތަނަކަށް ހަދަން ގިނަ ވަގުތު ނަގާތީ ކަމަށެވެ.
އަދި ވިދާޅުވެފައިވަނީ، ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ގޮތަކަށް ތަރައްގީ ކުރާ އެތަނުގައި ވިންޓާ ތަޖުރިބާ ކުރެވޭ ގޮތަށް ސްނޯ އުފައްދާ މެޝިނާއެކު އައިސް ސްކޭޓިން ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައި އޮތް ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގެ ނަން "ރަސްރަނި ބަޗީގާ"ގެ ނަމުގައި ހުޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.