މިދިޔަ ހުކުރު ދުވަހު ފެށި، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ބައްދަލުވުން (ޖީ7) ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެއްވެސް ކޮޅެއްގައި ނުޖެހި އެ ބައްދަލުވުން ނިމިއްޖެއެވެ.

ޖީ7 ނުވަތަ ގްރޫޕް އޮފް ސެވަންގެ ހަތް ގައުމަކީ ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.

ޖީ7 ސަމިޓްގައި އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އުފެދުނީ ޔޫރަޕާ ކެނަޑާ އަދި ޖަޕާނުން އެމެރިކާއަށް އެތެރެކުރާ ދަގަނޑާއި އެލުމިނިއަމްއިން ބޮޑު ޑިއުޓީއެއް ނަގާ މައްސަލައިގައެވެ. އެ ޓެރިފް އުވާލަން އެގައުމުތަކުން ބޭނުންވިޔަސް އެމެރިކާއިން އެގޮތް ބޭނުން ނުވިއެވެ.

އެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން ބަދަލުގައި ކެނެޑާއިން ވެސް އެމެރިކާއިން އެތެރެކުރާ އެލުމިނިއަމްއާއި ދަގަނޑުން ބޮޑު ޑިއުޓީއެއް ނަގާނެ ކަމަށެވެ.

ފްރާންސްގެ ބޮޑުވަޒީރު އެމަނުއެލް މެކްރޮންވެސް ވަނީ ޓްރަމްޕްއަށް ވަރުގަދަ ރައްދެއްް ދެއްވައިފައެވެ. މެކްރޮން ވިދާޅުވީ އެމެރިކާއާއެކު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ގީ7ގައި ހިމެނޭ އެހެން ގައުމުތަކާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. މެކްރޮން އިތުރަށް ވިދާޅުވީ އެ ހަ ގައުމަކީ ވަކި އުސޫލުތަކެއް ގެންގުޅޭ ގައުމުތަކެއް ކަމަށާއި އެ ހަ ގައުމަކީވެސް ބައިނަލްއަގުވާމީ ވިޔަފާރީގައި ވަރުގަދަ ބާރުތަކެއް ކަމަށެވެ.

ޓްރަމްޕް ވަނީ އެ ބައްދަލު ނުނިމެނީސް ބައްދަލުވުން ކުރުކޮއްލައްވައި ސިންގަޕޫރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ފުރާވަޑައިގެންފައެވެ.

ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ ކެނެޑާގެ ބޮޑުވަޒީރު ޓްރޯޑޯއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ ކެނެޑާއިން ދަނީ އެމެރިކާއިން އެގައުމަށް އެތެރެކުރާ ކިރުގެ ބާވާތްތަކުން ބޮޑު ޑިއުޓީއެއް ނަަގަމުން ކަމަށެވެ. އަދި ޓްރޯޑާއަކީ އެއްވެސް ތެދުވެރިކަމެއް، އަދި އާރެއް ބާރެއްވެސް ނެތް ބޭފުޅެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ ގިނަ ގައުމުތަކުން ވިޔަފާރީގައި އެމެރިކާގެ ކިބައިން ފައިދާ ނަގަމުން ދާ ކަމަށާއި ނަމަވެސް އެހެން އަބަދަކު ވިޔަ ނުދޭނެ ކަމަށެވެ.

ޓެރިފްގެ މައްސަލައިގެ އިތުރުން އިރާނުގެ ނިއުކުލިއާ އެއްބަސްވުން އުވާލި މައްސަލައިގައިވެސް އެމެރިކާއާ ޔޫރަޕުގެ ގައުމުތަކާ މެދު ވަނީ މަސްރަހު ގޯސްވެފައެވެ.