ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރް) އިން އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ތަރި ޑޭވިޑް ބެކަމް ގެންނަން މަސައްކަތް ކުރާކަމަށް ކިޔުޕީއާރުގެ ވެރިޔާ ޓޯނީ ފެނާންޑޭސްގެ އިތުރުން ކޯޗު ނެއިލް ވޯނޮކް ވެސް ބުނެފި އެވެ.

އުމުރުން 36 އަހަރުގެ މިޑްފީލްޑަރު ޑޭވިޑް ބެކަމްއާއި އެލްއޭ ގެލެކްސީ އާ ދެމެދު ހަދާފައިވާ އެއްބަސްވުން މިއަހަރު ނޮވެމްބަރު މަހު ހަމަވާއިރު ޕްރެމިއާ ލީގު ކުލަބަކުން ފެނުން ވަރަށް ގާތްކަމަށް ރިޕޯޓުތައް ބުނެފައެވެ. އެގޮތުން ޑޭވިޑް ބެކަމް ހޯދުމަށް މަސައްކަތްކުރާކަން ހާމަކުރި ފުރަތަމަ ކުލަބަކަށް ކިޔުޕީއާރު މިވަނީ ވެފައެވެ.

"ކުލަބަށް ޑޭވިޑް ބެކަމް ގެނެވޭތޯ މަސައްކަތްކުރާނަން. އޭނާއަކީ މޮޅު ކުޅުންތެރިއެއް." ކިޔުޕީއާރުގެ ކޯޗު ވޯނޮކް ބުންޏެވެ. "ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިއެއް ހުރިނަމަ ކުލަބަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. އެހިޔާލަކީ ކުރިންސުރެ ވެސް އުފެދުނު ޚިޔާލެއް." ކިޔުޕީއާރުގެ ވެރިޔާ އަދި އެއާ އޭޝިޔާގެ ވެސް ވެރިޔާ ފެނާންޑާޒް މިދިޔަ އަންގާރަ ދުވަހު ޓްވިޓާ ޕޭޖުގައި ޝާއިޢުކޮށްފައި ވެއެވެ.

މިސީޒަނުގައި ކިޔުޕީއާރާއި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުންދިޔަ ޖޯއީ ބާޓަން، މެންޗެސްޓާ ސިޓީއަށް ކުޅެމުންދިޔަ ޝޯން ރައިޓް ފިލިޕްސް، އޭސީ މިލާނަށް ކުޅެމުންދިޔަ ތިމަސީ ޓްރާނީ، އެސްޓަން ވިލާއަށް ކުޅެމުންދިޔަ ލޫކް ޔަންގް، އާސެނަލްއަށް ކުޅެމުންދިޔަ އާމަންޑް ޓްރާރެ ގެ އިތުރުން ސަންޑަލޭންޑަށް ކުޅެމުންދިޔަ އެންޓަން ފާޑިނަންޑް ހިމެނެ އެވެ.