11 Jun 2018, 14:46
މާލޭ ކުރީގެ އެއް ނަންބަރު ކުނިކޮށި، އަހުލުވެރި ޖަލަކަށް ބަދަލުކޮށްފިއެވެ.
ހޯމް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ ތިންވަނަ މާއްދާގެ (ހ) ގެ ދަށުން މި މަހުގެ ހަޔަކުން ފެށިގެން މާލެ އަހުލުވެރި މަރުކަޒަކީ ޖަލެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އަހުލުވެރި މަރުކަޒުގައި ތިބޭނީ މާލޭ ރިންގް ރޯޑު ޕްރޮޖެކްޓުގައި މަސައްކަތް ކުރާ ގައިދީންނެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހެދުމަށް "އަހުލާގު ރަނގަޅު ގައިދީން" ނެރެފައި ވާކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އަޒްލީން ވިދާޅުވީ މަގު ހަދަން ނެރޭ ގައިދީންނަށް މުސާރަ ދޭނެ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު ސީނިއާ ޕްރިޒަން އޮފިސާ އަހްމަދު ލުގްމާން "ސަން"އަށް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން މަގުތައް ހެދުމުގެ މަސައްކަތުގައި ބައިވެރިވީ އިއްޔެ ކަމަށާއި ގިނަ އަދަދެއްގެ ގައިދީން އެެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށެވެ.
އަހުލުވެރި ޖަލު ބަލަހައްޓާނީ ކަރެކްޝަަލްސް ސާވިސްއިންނެވެ.