ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގައި މާޒިޔާ ފަހަތުން އަރާ މޮޅުވަމުން ދަނިކޮށް އިބްރާހިމް ފަޒީލް (އޮއްޕޮ) ޖަހައިދިން ލަނޑުގެ ސަބަބުން ވިކްޓަރީ ސަލާމަތްވެއްޖެ އެވެ.

މާޒިޔާއާއި ވިކްޓަރީ ބައްދަލުކުރި މިމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މާޒިޔާ މިމެޗު ފުރަތަމަ ފަށައިގަތީ ވަރަށް އެޓޭކިންގް ކޮށެވެ. އެގޮތުން މެޗުގެ ކުރީކޮޅު ވިކްޓަރީގެ ގޯލަށް މާޒިޔާއިން ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ވިކްޓަރީގެ މުހުތާރު ނަސީރު (ޓޫކިލޯ) ނަގައިދިން ހުރަހަކުން ބޮލުން ޖަހާ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ފައުޒާން ހަބީބު އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް މާޒިޔާއަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި މުހައްމަދު އުމައިރު ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާޒިޔާ އާއި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ދެ މިނެޓް ނުވަނީސް އުމައިރު އިތުރު ލަނޑެއް ޖަހާ މާޒިޔާއަށް ލީޑު ހޯދައިދިނެވެ. މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮއްޕޮ އެވެ. 2-2 ލަނޑުގެ މިނަތީޖާގެ ސަބަބުން ދެޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

އިނގިރޭސި ޕްރެމިއާ ލީގު ކުލަބު އާސެނަލް ކޯޗު އާސެން ވެންގާ ހިސާބު ހަދާ ގޮތާ މެދު ފާޑުކިޔާ އޮގޮތަށް ބަލަންޏާ ވިކްޓަރީއަށް ވެސް ލީގު ލިބޭނެ ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުންޏެވެ. މީގެ އިތުރުން މާޒިޔާ ގެ ފިޓްނަސް ވިކްޓަރީއަށް ވުރެ މާބޮޑަށްވެސް ރަނގަޅު ކަން ސުޒޭން ފާހަގަކުރި އެވެ.

"ކުރިންވެސް އަހަރެން ބުނިން ލީގުގެ ފުރުސަތު ވަރަށް ކުޑައޭ. އެހެން ނަމަވެސް ހިސާބު ހަދައިގެން މިސާލަކަށް އާސެން ވެންގާ ގެ ކަލްކިއުލާޝަނާ އެއްގޮތަށް ލީގު ހޯދިދާނެ. ހަ އަހަރު ވެސް އެދިޔައީ އާސެނަލަށް ޕްރެމިއާ ލީގު ފޯރާ ހިސާބުގައި. ނިމޭއިރު ހިސާބު ހަދާލީމަ ދިމައެއް ނުވޭ. ހިސާބު ހަދާލައިގެން ފަސް މެޗުން ލިބޭނީ 15 ޕޮއިންޓް. ވީބީއަށް އެއްވެސް ޕޮއިންޓެއް ނުލިބޭ ގޮތަށް ހިސާބު ހަދަންޏާ ވިކްޓަރީއަށް ލީގު ލިބޭނެ. މާޒިޔާގެ ފިޓްނަސް މާބޮޑަށްވެސް ރަނގަޅު." ވިކްޓަރީގެ ކޯޗު ސުޒޭން ބުންޏެވެ.

މާޒިޔާއަށް ތިން ޕޮއިންޓް ލިބޭވަރުގެ މެޗަކުން އެއްވަރުވީ ނަމަވެސް ގިނަ ދުވަސްތަކަކަށް ފަހު ކުޅުނު މެޗުގައި ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭކަމަށް ކޯޗު އިސްމާއިލް މެހެފޫޒް (އިންމަ) ބުންޏެވެ. މާޒިޔާއާ އަލަށް ގުޅުނު އުރުގުއޭ ފޯވާޑް ފެނާންޑޯ ހަވިއޭ ރަމިރޭސް ޗަޕޯރޯ ގެ ކުޅުންވެސް އިންމަ ފާހަގަ ކޮށްފައި ވެއެވެ.

"ދިގު ބްރޭކަކަށްފަހު ކުޅުނު ފުރަތަމަ މެޗުން މާޒިޔާއިން ދެއްކި ކުޅުމާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ފަހު މިނެޓުކޮޅު ޓިމުގެ ކޮންސަންޓްރޭޝަން ދަށަށް ދިޔަތަން ފާހަގަވޭ. ރަމީރޭސްގެ ކުޅުމާމެދު ވެސް ހިތްހަމަޖެހޭ. ޕްރެކްޓިހުގައި އޭނާ ދައްކަމުންދިޔައީ މިއަށްތުރެ ވެސް ރަނގަޅު ކުޅުމެއް. މިމެޗުގައި އޭނާއަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވޭ." މާޒިޔާ ކޯޗު އިންމަ ބުންޏެވެ.

ލީގުގައި 14 މެޗު ކުޅެގެން އެއްވަނާގައި ވީބީ އުޅެނީ 35 ޕޮއިންޓާއެކުއެވެ. 15 މެޗުން ލިބުނު 31 ޕޮއިންޓާއެކު ދެވަނާގައި އުޅޭއިރު 15 މެޗު ކުޅެގެން ތިންވަނާގައި އުޅެނީ ނިއު އެވެ.

ޕޮއިންޓުގެ ގޮތުން ނިއު އާ އެއްވަރު ކުރުމަށް ލިބުނު ފުރުސަތު ބޭކާރުވި މާޒިޔާއަށް ހަތަރު ވަނަ ލިބެނީ 25 ޕޮއިންޓާއެކު އެވެ. 14 މެޗު ކުޅެގެން ފަސްވަނާގައިވާ ވެލެންސިޔާއާއި 15 މެޗު ކުޅެގެން ހަވަނާގައިވާ އީގަލްސްއާ ދެމެދު ވަނީ އެއް ޕޮއިންޓުގެ ފަރަގެކެވެ.