11 Jun 2018, 14:42
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.
އުމުރުފުޅުން 93 އަހަރުގެ ވަޖްޕާއީ، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް)ގައި އެޑްމިޓުކުރީ، އެމަނިކުފާނުގެ ހެލްތު ޗެކްއަޕެއް ހެދުމަށް ކަމަށް ހަބަރުތައް ބުނެއެވެ.
ވަޖްޕާއީގެ ސިއްހީ ލާތަކު މޮނީޓާ ކުރައްވަނީ ޑރ. ރަންދީޕް ގުލޭރިއާ އެވެ. ޑރ. ރަންދީޕަކީ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވަޖްޕާއީގެ ސިއްހީ ހާލަތު މޮނީޓާ ކުރައްވަމުން ގެންދަވާ ޑޮކްޓަރެވެ.
ވަޖްޕާއީއަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރި، ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ. ވަޖްޕާއީ ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން ދިން ފަހަރެއްގެ ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ. އެއީ 1996 ވަނަ އަހަރު އެއް މަސް ދުވަހުގެ މުއްދަތަށް، އަދި 1998 ވަނަ އަހަރުން 2004 ވަނަ އަހަރަށް ބޮޑުވަޒީރުކަމުގެ ދެ ދައުރެވެ.
ވަޖްޕާޔީއަށް 1994 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ ބެސްޓް ޕާލަމެންޓޭރިއަންގެ ލަގަބު ލިބިވަޑައިގެންނެވި އިރު، އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު، ބާރަތު ރަތުނާވެސް 2015 ވަނަ އަހަރު ލިބިވަޑައިގަތެވެ.