11 Jun 2018, 15:18
ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ އެންމެފަހު މެޗުގައި ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް، ބްރެޒިލުން ވޯލްޑް ކަޕަށް ތައްޔާރުކަން ދައްކާލައިފިއެވެ.
ރޭ އޮސްޓްރިއާގެ ވިއޭނާގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ބްރެޒިލްގެ ގޯލްތައް ޖަހައިދިނީ ގެބްރިއަލް ޖީސުސްގެ އިތުރުން ނޭމާ އަދި ފިލިޕް ކުޓީނިއޯއެވެ.
ބްރެޒިލްގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ގިނަ އެޓޭކްތަކެއްވެސް ވަނީ އުފައްދާފައެވެ. ދެވަނަ ހާފްގައި ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ގޯލްގެ މަތީ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. އަދި މެޗުގެ ދެވަނަ ހާފްގައި ކުޅެން ނުކުތް ފިރްމީނޯގެ ހަމަލާ ދިފާއުކުރީ އޮސްޓްރިއާގެ ކީޕަރެވެ.
މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ބްރެޒިލުން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި 2016 ވަނަ އަހަރު ބްރެޒިލް ޓީމާ ޓިޓޭ ހަވާލުވިފަހުން އެޓީމު ކުޅުނު 21 މެޗުން 16 މެޗުގައި ކްލީންޝީޓް ހިފަހައްޓައިފައި ވެއެވެ.
މިހާތަނަށް ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ ބްރެޒިލް، ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ހިމެނެނީ ގްރޫޕް އީގައެވެ. އަންނަަ އާދީއްތަ ދުވަހު ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން ބްރެޒިލް، ވޯލްޑްކަޕް ފަށާ އިރު، ގްރޫޕް ސްޓޭޖުގައި ދެން ބްރެޒިލް ކުޅެން ޖެހޭނީ ކޮސްޓަ ރީކާއާއި ސާބީއާއާ ދެކޮޅަށެވެ.