11 Jun 2018, 10:50
ރާއްޖޭގެ ޕަބްލިކް ސެކްޓާގެ ފައިނޭންޝަލް މެނޭޖްމެންޓް ސެކްޓާ ހަރުދަނާ ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 12 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.
ވޯލްޑް ބޭންކުން މިމަހު ހަތްވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްގެން ރާއްޖެއަށް ދޭން ނިންމި ފައިނޭންޝަލް ޕެކޭޖަކީ މިހާރު ރާއްޖޭގެ ޕަބްލިކް ފައިނޭންޝަލް މެނެޖްމެންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ދަރަނި މެނޭޖުކުރުމަށާއި ކޭޝްމެނޭޖްމެންޓް އަދި ފައިނޭންޝަލް ރިޕޯޓިން ހަރުދަނާކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދޭ ލޯނެއް ކަމަށެވެ.
ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ފިސްކަލް ދަރަނި މިދިޔަ އަހަރު ދަށްވެފައިވާ ކަމަށާއި 2016 ވަނަ އަހަރު ޑެފިސިޓުގެ ގޮތުގައި ޖީޑީޕީގެ 10.6 ޕަސެންޓް ހުރި ނަމަވެސް މިދިޔަ އަހަރު އެ އަދަދު 2.5 ދަށް ވެފައިވާ ކަމަށެވެ.
މި ޕެކޭޖާއެކު ޕަބްލިކް އިންވެސްޓްމެންޓަށް ހުރި ގޮންޖެހުންތަކުން ސަލާމަތްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
އެ ބޭންކުގެ ބަޔާނުގައި އިތުރަށް ބުނީ އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން ބަޖެޓާއި ފައިނޭންޝަލް މައުލޫމާތުތައް ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުން ބަލަހައްޓަން ފަށާފައިވާ ކަމަށެބެ. އޭގެ އިތުރުން ޕަބްލިކް ޑެޓް އަދި ގެރެންޓީސް އޮޑިޓް ކުރުމަށް، އޮޑިޓާ ޖެނަރަލް ފިޔަވަޅު އަޅުއްވާފައިވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.