ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(އަށް ވަނުމުގެ ފުރުސަތު ރަސްމީކޮށް މާދަމާ އިން ފެށިގެން ހުޅުވާލުމަށް ނިންމައިފި އެވެ.

ހ. ސަކީނާ މަންޒިލްގައި ހުންނަ ކުރީގެ އޮފީސް އަދި މިހާރުގެ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ވަގުތީ ރަޖިސްޓްރާ ޑރ. މުހައްމަދު ސައުދު ވިދާޅުވީ ޕީޕީއެމްގެ މެންބަރަކަށް ވުމުގެ އިންތިޒާމް ހުކުރު ދުވަހު )މާދަމާ(އާއި ހޮނިހިރު ދުވަހު އިމާދުއްދީން ސްކޫލް ހޯލްގައި އޮންނާނެ ކަމަށެވެ. އަދި ޕާޓީއަށް ސޮއިކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނީ މެންދުރު ފަހު ކަމަށެވެ.

ޑރ. ސައުދު ވިދާޅުވީ ޕީޕީއެމްއަށް ވަނުމުގެ ފުރުސަތު އަތޮޅު ތެރޭގެ ރައްޔިތުންނަށް ތަނަވަސް ކުރުމުގެ ގޮތުން ބައެއް ރަށްރަށަށް އެ ޕާޓީގެ ޓީމެއް ވަރަށް އަވަހަށް ދަތުރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ވެބްސައިޓެއް ހަދައި މެންބާޝިޕް ފޯމް ޕީޕީއެމްގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ވެސް ވަރަށް އަވަހަށް ތަނަވަސް ކުރާނެ ކަމަށެވެ.

ޕީޕީއެމްގެ ކުލައާ މެދު ބައެއް ފަރާތްކަނުން ސުވާލު ކުރަމުންދާތީ ޑރ. ސައުދު ވިދާޅުވީ ޕާޓީގެ ކުލަ ކަނޑައެޅުމާއި ޕާޓީގެ ލޯގޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ޕާޓީގެ ކުލައާއި އެހެނިހެން ކަންތައްތައް ކުރުމަށް ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށާއި އެ ފަރާތްކުން ވަރަށް އަވަހަށް އެކަން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނީ މިއަދު މެންދުރު ފަހު އެވެ. އިލެކްޝަނުން ބުނީ ޕީޕީއެމް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް 703 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް ބެލުމަށް ފަހު 50 މީހުންގެ ފޯމު ސައްހަ ވެފައިވާތީ އެނަމުގައި ޕާޓީއެއް އުފެއްދުމަށް ސޮއި ހޯދުމަށާއި ކުރަން ޖެހޭ އެނިހެން ކަންތައް ކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ )ހ( އަދި )ށ(ގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި ހުށަހެޅުމަށްފަހު، ނުވަ މަސް ދުވަހުގެ ތެރޭގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ބެހޭ ގޮތުންނާއި އެ ޕާޓީގެ މެނިފެސްޓޯއާއި ބެހޭ ގޮތުން ނިންމުމުގެ ބައްދަލުވުމެއް ބާއްވަންވާނެ އެވެ. އަދި ޕާޓީގެ 3000 މެންބަރުންގެ ތެރެއިން މަދުވެގެން 300 މީހުން ޖަލްސާގައި ބައިވެރިވާންވާނެ ކަމަށް ބުނެފައިވެ އެވެ.