ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް މިރޭ އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ ވޯޓު ލެވޭ މީހުންގެ ލިސްޓްްދިވެހި ސަރުކާރުގެ ގެޒެޓުގައިޝާއިއުކޮށްފައިވާ ކަމަށެވެ.

އެ ވޯޓާސް ލިސްޓުގައި ރިޔާސީ އިންތިޚާބު އޮންނަ ދުވަސް ކަމަށްވާ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރިފައިވާ މީހުން ހިމެނޭ ގޮތަށް 263،000 މީހުން ހިމެނޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ނެރުނު ވޯޓާސް ލިސްޓަށްވުރެ މިފަހަރުގެ ލިސްޓު ފުރިހަމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިރޭ އާންމު ކުރި ލިސްޓުގައި މައްސަލަތަކެއް ހުރެދާނެ ކަމަށާއި އެ ލިސްޓުގައި އެއްވެސް މައްސަލައެއް ހުރިނަމަ ހަމަޖެހިފައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް އަކުރަމް ވަނީ އިލްތިމާސްކޮށްފައެވެ.

''އެހެން ނަމަވެސް ހުރެދާނެ ފަހަރެއްގައި ރާއްޖެއިން ބޭރުގައި މަރުވެފައިވާ މީހުންގެ ނަންތައް. އެއީ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ބައެއް ދިވެހީންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނާ ހިއްސާ ނުކުރައްވައި އޮތުމުގެ ސަބަބުން ދިމާވާ ކަމެއް،" އިކްރާމް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އަންނަ ޖޫން މަހުގެ 20 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެގޮތުން މާލޭގައި ނަމަ އިލެކްޝަން ކޮމިޝަނަށް، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ދެން ހުރި ރަށްތަކުގައި އެރަށްތަކުގެ ރަށު ކައުންސިލަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިނަމަ އެ ސިޓީގެ އަވަށު އޮފީސްތަކަށް ސިޓީ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ޓައިމްލައިން

  • އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވާލުން: 15 ޖުލައި 2018 އިން 27 ޖުލައި 2018 އަށް

  • ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުން: 17 ޖުލައި 2018 އިން 19 އޮގަސްޓް 2018 އަށް
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން: 9 އޮގަސްޓް 2018