ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީ ކްލަބު ދޫކޮށް ދިޔައީ ފިލައިގެން ކަމަށާއި، ނިއުއާ ގުޅޭގޮތުން އޭނާ ދައްކާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށް ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒު (ޓެޑް) ވިދާޅުވެއްޖެއެވެ.

ނިއުއާއި އަމީރީއާ ދޭތެރޭ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވާހަކަތައް ދެކިވިފައި ވަނިކޮށް، ނިއުއިން ކަންތައް ކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށްބުނެ، އަމީރީ ރާއްޖެ ދޫކޮށް ފުރީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ.

ފުރަން ގޮސްހުރެ ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމީރީ ބުނީ ނިއުއިން އޭނާއާ ދޭތެރޭ ކަންތައް ކުރިގޮތުން ވަރަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށާއި، ކްލަބުން އޭނާއާ ދޭތެރޭ ކަންތައް ކުރީ ވަރަށް "އަން ޕްރޮފެޝަނަލް" ގޮތަކަށް ކަމަށެވެ. އަދި އެ ކަންކަމުގެ ހެކި އޭނާ އަތުގައި އެބަހުރި ކަމަށްވެސް އަމީރީ ބުންޏެވެ.

އޭގެ ކުރިން ނިއުއިން ބުނެފައި ވަނީ އަމީރީ ދިޔައީ ކޮންޓްރެކްޓްގައި ނެތް ކަންތައްތަކަކަށް ޑިމާންޑްް ކުރަމުން ކަމަށާއި، ކްލަބާއި އަމީރީއަ ވެފައިވާ ކޮންޓްރެކްޓް އުވާ ނުލާކަމަށް ބުނެފައެވެ. އަދި ކޮންޓްރެކްޓްގައި ހުރުމުން އެކަމަށް އިތުރު ވާހަކަތަކެއް ނުދައްކާނެ ކަމަށްވެސް އޭރު ނިއުގެ ޖެނެރަލް ސެކްރެޓަރީ ޓެޑް ވިދާޅުވިއެވެ.

އެހެން ނަމަވެސް އަމީރީގެ ފަރާތުންް ނިއުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ނިއުއިން ކަން ކުރިގޮތުން ފީފާއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނުމުން ނިއުއިން ވަނީ އެކަމަށް ޖަވާބުދާރީ ވެފައެވެ.

"ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ނިއުގެ ޖެނެރަލް ސެކްރެޓަރީ ޓެޑް ވިދާޅުވީ އަމީރީ ކްލަބު ބަދުނާމު ކުރުމަށް ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި، ކްލަބުން އަމީރީގެ މައްސަލަ ފީފާއަށް ގެންދިއުމަށް ލޯޔަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮންޓްރެކްޓްގައި ނެތް ކަމަކަށް އަމީރީ ޑިމާންޑް ކުރީ ކޮން ކަމަކަށްތޯ އެހުމުން ޓެޑް ވިދާޅުވީ އަމީރީ ބޭނުންވީ، ކްލަބުން ބޭނުން ނުވި ނަމަވެސް ލަގްޒަރީ އެޕާޓްމަންޓެއްގައި އޭނާ އެކަނި ހުންނަން ކަމަށެވެ. އަދި އެކަމަކީ ކޮންޓްރެކްޓްގައި އެކަން އޮތް ގޮތް ނޫން ކަމަށާއި، ކޮންޓްރެކްޓްގައި އޮތީ އަމީރީއަށް އެކޮމޮޑޭޝަން ދިނުން ކަމަށެވެ. އަދި އެޓީމުން ބިދޭސީ ކުޅުންތެރިންގެ ކޮންމެ ކުޅުންތެރިއަކަށް ވަކިން އެޕާޓްމަންޓެއް ދީގެން ގެންގުޅުމަށްފަހު، ކުޅުންތެރިން ޝެއާޑް އެޕާޓްމަންޓަށް ބަދަލުކޮށްގެން ގެންގުޅުމަށް ތައްޔާރުވެ، އެކަން ކުރިއާލާ ކުޅުންތެރިންނަށް އެންގިކަމަށްވެސް ޓެޑް ވިދާޅުވިއެވެ.

އަމީރީ ބުނެފައި ވަނީ އޭނާ އެޕާޓްމަންޓުން ނެރުނީ ރޭގަނޑު 12 ޖެހިއިރު ކަމަށާއި، ދާނެ އިތުރު އެޕާޓްމަންޓެއް ނިއުއިން ނުދޭ ކަމަށެވެ. އެކަމަށް ރައްދު ދެމުން ޓެޑް ވިދާޅުނީ އެޕާޓްމަންޓުގެ ވެރި ފަރާތުން އެރޭ 12އަށް އެތަން ހުސްކުރަން އަންގާފައިވާ ކަމަށާއި، ޓީމުގެ ބިދޭސީ ކުޅުންތެރިން ކަމަށްވާ ކަންޑެލާއާއި ޖޯޖު ގަޓޯވެސް އެރޭ އެހެން އެޕާޓްމަންޓަކަށް ބަދަލުކުރި ކަމަށެވެ. އަދި އެޕާޓްމަންޓް ހުސްކުރަން ދިޔަ އިރު، ގަޓޯއާއި ކަންޑެލާވެސް ހުރިހާ ސާމާނެއް ޕެކްކޮށް، ތައްޔާރުކޮށްފައި ކަމަށާއި، އަމީރީ އެޕާޓްމެންޓުން ނުކުންނަން އިންކާރު ކުރި ކަމަށެވެ.

ޓެޑް ވިދާޅުވީ ވަކިން އެކަނި އެޕާޓްމެންޓެއް ދިނުމަށް ކޮންޓްރެކްޓްގައި އެއްބަސްވެފައިވާނީ ކޯޗަށް އެކަނި ކަމަށެވެ.

އެޕާޓްމަންޓުން ނުކުމެ، ގައުމަށް ފުރަންދެން އަމީރީ ހުރީ އަމިއްލައަށް ކުއްޔަށް ހިފައިގެން ކަމަށް އޭނާ ބުނެފައިވާ އިރު، ޓެޑް ވިދާޅުވީ އަމީރީއަށް ހުޅުމާލޭ އަމީން އެވެނިއުއިން ކްލަބުގެ ފަރާތުން ހަމަޖެއްސި ޝެއާޑް އެޕާޓްމަންޓަށް އޭނާ ދާން ބޭނުން ނުވީ ކަމަށެވެ. އަދި އަމީރީ މުސާރަ ނުދޭކަމަށް ތުހުމަތު ކޮށްފައިވާ އިރު، ޓެޑް ވިދާޅުވީ އެއްވެސް މަހެއްގެ މުސާރަ ނުދީ ނޯންނާނެ ކަމަށާއި، މި ހިނގި މަހުގެ މުސާރު ދިނުމަށް އޮތީ މި މަހު 10ގެ ކުރިން ކަމަށެވެ. އަދި އޭގެ ކުރިން މުސާރަ ދިނުމުން އަމީރީ ނުހިފި ކަމަށްވެސް ޓެޑް ވިދާޅުވިއެވެ.

ޓެޑް ވިދާޅުވެފައި ވަނީ އަމީރީގެ މައްސަލައާ ގުޅިގެން ދެން އިތުރު ތަފްސީލުތަކަށް ވާހަކަ ދައްކާނީ ނިއުގެ ލޯޔަރުން ކަމަށާއި، އަމީރީގެ އިތުރު ޑިސިޕްލިން މައްސަލަތަކެއްވެސް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އައިޒޯލް އެފްސީއާ ދެކޮޅަށް ނިއުއިން މި ސީޒަންގައި ކުޅުނު އެންމެ މުހިއްމު މެޗުގެ ކުރިން ހޮޓަލުން ބޭރަށް ނުދިޔުމަށް ހުރިހާ ކުޅުންތެރިންނަށް އަންގައިފައިވަނިކޮށް، ހޮޓަލުން ބޭރަށް ގޮސް ބަޔަކާ ބައްދަލުކުރިކަން އެނގިފައިވާ ކަމަށްވެސް ޓެޑް ވިދާޅުވިއެވެ.

ޓެޑް ވިދާޅުވީ އަމީރީގެ ރިލީޒް ސިޓީ އޭނާއަށް ނުދީ އޮތީ ކްލަބުގެ ކޮންޓްރެކްޓް އުވާނުލާ އޮތުމުން ކަމަށާއި، ކްލަބުގެ ކޮންޓްރެކްޓްގައި ހުރެ ފިލައިގެން ދިޔަ މައްސަލައާއެކު އަމީރީގެ ހުރިހާ މައްސަލައެއް ވަރަށް އަވަހަށް ފީފާއަށް ހުށަހަޅާނެ ކަމަށެވެ.

ޓެޑް ވިދާޅުވީ ނިއުއިން ފީފާއަށް ހުށަހަޅާ މައްސަލައިގެ ތަފްސީލު ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.