އެމްއެންބީސީ އީދު ހަދިޔާގެ ބޮޑު އިނާމު، ލޯންޗަށް ގުރު ނެގުމުގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ، ގުރު ނެގުމަށް ބޭނުންކުރާ ސޮފްޓްވެއާ އާ މެދު ދިވެހި ޑިވަލޮޕަރުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ.

ތިން ލައްކަ ރުފިޔާގެ ލޯންޗުގެ ހައްގުވެރިފަރާތް ހޮވުން މިރޭ ކާނިވަލުގައި ބާއްވާ އިރު ފޭސްބުކާއި އަދި ޔޫޓިއުބުގައި ދިވެހި ޑިވަލޮޕަރަކު މިއަދު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ، އެ ގުރުނެގުމުގައި އެމްއެންބީސީން ގެންގުޅޭ ސޮފްޓްވެއާ ފޯޖް ކުރެވިދާނެ ކަމަށާއި އެ ގުރުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

ތްރީޑީ އެނިމޭޝަނާއި ގުރެފިކްސް ޑިޒައިން އަދި ސޮފްޓްވެއާ ވެސް ޑިވެލޮޕްކުރާ އައްފާން އައްބްދުލްޣަނީ، އެ ވީޑިއޯގައި ބުނެފައި ވަނީ އެމްއެންބީސީން ގުރު ލުމަށް ގެންގުޅޭ ސޮފްޓްވެއާ އިން ވަކި ނަމްބަރެއް އަންނަ ގޮތަށް އެ ސޮފްޓްވެއާ ފޯޖް ކުރެވިދާނެ ކަމަށާއި އެއީ ސޮފްޓްވެއާ ޑިވެލޮޕްކުރާ މީހަކަށް ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.

"ރެންޑޮމްކޮށް މި ނަމްބަރުތައް މި އަންނަނީ ވަކި ނަމްބަރަކަށް ނުބަލައި. އެކަމަކު އެ ސޮފްޓްވެއާ އާ ކުޅެވިދާނެ، ކިތަންމެ ވަރަކަށް ނަމްބަރު ރޯލް ކުރިޔަސް، ހަމަ އެއް ނަމްބަރެއް އަންނަ ގޮތަށް. އޭރުން އަންނާނީ މި ނަމްބަރު. އެހެންވެ އެއީ މިކަންތައް ކުރަންވީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރަން،" އެ ވީޑިއޯގައި ވާހަކަ ދައްކަމުން އައްފާން ބުނެފައިވެ އެވެ.

އޮޅުވާލުމާއި ފަސާދަ އިން އަދި ރިޝަވަތުން ގުރުލުން ސަލާމަތް ކުރުމަށް އައްފާން ވަނީ އެ ވީޑިއޯ މެދުވެރިކޮށް އޭނާގެ ހިޔާލު ވެސް ފާޅުކޮށްފަ އެވެ.

އައްފާންގެ ހިޔާލަކީ އެސްއެމްއެސް ކުރި ނަމްބަރުތަކުގެ ލިސްޓެއް ވެބްސައިޓެއްގައި އާންމުކުރުމަށް ފަހު ސުމަކުން ނުވަޔަކާ ދޭތެރޭގެ ނަމްބަރުތައް ޖަހާފައިވާ ޕިންޕޮން ބޯޅަތަކެއްގެ އެހީގައި ގުރުނަގައިގެން ދިމާވާ ނަމްބަރެއް ލިސްޓުން ދިމާކޮށް އެ ނަމްބަރެއްގައި ވާ ފަރާތަކަށް އިނާމް ހަވާލުކުރުމެވެ.

"އޭރުން ހުރިހާ ބޭފުޅުން ވެސް އިންނާނީ ވެބްސައިޓުން ނަންގަވާފައި އެއްކަލަ ލިސްޓް. އޭރުން މަކަރު ހެދުމުގެ ޖާގައެއް ނޯންނާނެ،" އައްފާން ބުނެފައިވެ އެވެ.

އެ ވީޑިއޯއާ ގުޅޭ ގޮތުން އައްފާން އަށް ގުޅުމުން އެކަމާ ގުޅޭ ގޮތުން އައްފާން އެއްވެސް ކޮމެންޓެއް ކުރާކަށް ބޭނުމެއް ނުވި އެވެ. އައްފާންގެ ރައްޓެއްސެއް ސަން އަށް މިއަދު ބުނީ އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހަންމަދު އާސިފް ]މޮންދު[ގެ ސަމާލުކަމަށް އެކަން ގެނައިކަމުގައި ވިޔަސް އެކަމަށް އެ ކޯޕަރޭޝަނުން އަޅާލާފައި ނުވާ ކަމަށެވެ.

ސަން އާ ވާހަކަ ދެއްކި އެހެން ޑިވަލޮޕަރުން ވެސް ވަނީ އައްފާން ފާޅުކޮށްފައިވާ ހިޔާލަށް ތާއީދުކޮށްފަ އެވެ. ޑިވަލޮޕަރު މުހަންމަދު އަފްޒަލް (އަޕޯ) ބުނީ އެތައް ލައްކަ ނަމްބަރެއްގެ ތެރެއިން އެއްފަހަރު ނަމްބަރު ރޯލުކޮށްގެން ފަރާތެއް ހޮވުމަކީ އެކަމުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ލޮޖިކަލް ހިޔާލަކީ ވެސް މިފަދަ ބޮޑު ކޮންޓެސްޓެއްގައި އެހާބައިވަރު މީހުންގެތެރެއިން އެއްފަހަރުން ނަމްބަރެއް ހޮވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް. އެ ސޮފްޓްވެއާ އިންނަން ވާނީ ބައިބަޔަށް ބަހާލެވިގެން ނެގޭ ގޮތަށް. މިސާލަކަށް ބައިބަޔަށް ނަމްބަރުތައް ބަހާލައިގެން ގުރުނަގާފައި އެ ނަމްބަރުތަކުން ފައިނަލް ނަތީޖާއެއް ނެރުން،" އަޕޯ ބުންޏެވެ.

ޓެކްނޮލޮޖީ ފާމް ސެމީ ކޮލޯންގެ ކުރިއޭޓިވް ޑައިރެކްޓާ އަދި ކޯޑާ ނަސްރުﷲ އަދުނާން ]ނައްޓު[ ވިދާޅުވީ ރޯލް ކުރާ ޕުރޮގުރާމަކުން ގުރު ނެގުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ކޮންމެހެން ރޯލް ނުކުރިޔަސް ކޮމްޕިޔުޓަރު ރެންޑަމް ނަމްބަރެއް ނަގާނެ، އެހެންވީމާ އޭގެ ބޭނުމެއް ނެތް،" ނައްޓު ވިދާޅުވި އެވެ.

އޭނާ ވެސް ގަބޫލުކުރައްވަނީ ކޮމްޕިޔުޓަރުން ގުރު ލުމަށް ވުރެ އެންމެ އިންސާފުވެރިވާނީ ބޯޅަފަދަ ތަކެތި ބޭނުންކުރާ މެނުއަލް ނިޒާމަކުން އެކަން ކުރުން ކަމަށެވެ.

"ބޭރު ގައުމުތަކުގައި ވެސް ބޯޅައިން މި ނަގަނީ. ނޫނީ އެމީހުން ގުރުލާން ބޭނުންކުރާ ސޮފްޓްވެއާގެ ފޯމިއުލާ މި އޯޕަންކޮށް ދޫކޮށްލަނީ. އޭރުން މީހުންނަށް ފެންނާނީ. އަޅުގަނޑުގެ ނަޒަރުގައި ކޮމްޕިއުޓާއިން ރޯލްކޮށްގެން ގުރުލުމަކީ ރަނގަޅު ކަމެއް ނޫން. އެގޮތަށް ރެކޮމަންޑެއް ނުކުރާނަން. އެމީހުން ބޭނުން ނަމްބަރެއް ހޮވޭ ގޮތަށް ސެޓް ކޮއްލެވިދާނެ،" ނައްޓު ވިދާޅުވި އެވެ.

Nattu"s Interview on MNBC eid lucky draw issue (mp3)

ޑިވަލޮޕަރުން ކަންބޮޑުވާ އިރު އެމްއެންބީސީގެ ސީއީއޯ މޮންދު މިއަދު ވިދާޅުވީ އަބަދު ވެސް ގުރުލަމުން އަންނަނީ އެމްއެންބީސިން ތައްޔާރުކޮށްފައިވާ އިތުބާރުކުރެވޭ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކަމަށާއި އެކަމުން އެއްވެސް މައްސަލައެއް މިހާތަނަށް ނިކުމެފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން އެކަން ކުރާނީ އިތުބާރު ހިފޭ ގޮތަކަށް. ބެލުންތެރިންގެ އިތުބާރު ހިފައްހައްޓާނަން. އައްފާންގެ އެވާހަކަ އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި. އެއީ އައްފާންގެ ހިޔާލެއް. އެކަމަށް އަޅުގަނޑުމެން ޖަވާބުދާރީ ވާކަށް ނުޖެހޭ." މޮންދު ވިދާޅުވި އެވެ.

Mondhu on MNBC eid lucky draw issue (mp3)