08 Sep 2011, 16:26
މާލޭ ސިޓީކައުންސިލްގެ ]ކުރީގެ މާލޭ މުނިސިޕަލްޓީގެ[ ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހުރި ހ. ވަޅުފެހި، ހިންނާ ޚާލިދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރާ ގާނޫނުގެ ދަށުން ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން އިއްޔެ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފި އެވެ.
އޭސީސީން މިއަދު ބުނީ ހިންނާ ހާލިދު މިދިޔަ އަހަރު ޖުލައި މަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު އިތުރު ގަޑީގެ ހާޒިރީ ފޮތް ހޮސްޕިޓަލަށް ގެނުވައިގެން 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ އެންމެ ފަހުން އޮފީހަށް ހާޒިރުވި ދުވަހާ ހަމައަށް އެއްފަހަރާ އިތުރުގަޑި ލިޔެ ސޮއިކޮށްފައިވާ ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ އަހަރު ޖުލައި މަހު އޭނާ އޮފީހަށް ނުކުތް ދުވަހު އެއް ފަހަރާ ސޮއިކޮށް ފައިސާ ނަގާފައިވާ ކަން ހެކިންގެހެކި ބަހުންނާއި ލިޔެކިއުންތަކުން އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އަދި ބުނީ އެކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިސާ ހޯދުން ކަމަށާއި އެހެންވެ ކޮރަޕްޝަން މަނާކުރާ ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށް ވާތީ ދައުވާ ކުރީ ކަމަށެވެ.
ހިންނާ މިހާތަނަށް ހުރީ މާލޭ ސިޓީކައުންސިލްގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓަރްގެ މަގާމުގަ އެވެ.