10 Jun 2018, 15:01
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕް ތަލިބާނުން، އީދާ ގުޅިގެން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ އެވެ.
ތަލިބާނުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވީ އަފްގާނިސްތާނުގެ ސަރުކާރާ އެކު ކުރި މަޝާވަރާތަކަކަށް ފަހު އެވެ.
މިއީ 2001 ވަނަ އަހަރު ތަލިބާނުުންގެ ވެރިކަން ވެއްޓުމަށް ފަހު ހަމަލާ ބަދަލުކުރުން ހުއްޓާލަން އެ ޖަމާއަތުން އެއްބަސްވި ފުރަތަމަ ފަހަރެވެ. އަދި މީގެ ކުރިން ހަމަލާ ބަދަލުކުރުމަށް ތަލިބާނުންނާ އެކު ކުރި މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނިކުމެފައެއް ނުވެ އެވެ.
ތަލިބާނުން ބުނީ އެގައުމު އިސްތިއުމާރުކޮށްގެން ތިބި މީހުން ފިޔަވައި ދެން ހުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާލާނެ ކަމަށެވެ. ތަލިބާނުން މީގެ ކުރިން، އަފްގާނިސްތާނުގެ ސަރުކާރުގެ ސިފައިންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ދީފަ އެވެ.
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވިދާޅުވީ ތަލިބާނުންގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ މެދުގައި އެޖަމާއަތާ މެދު ރުޅިވެރިކަން އިތުރުވެފައިވާ ކަމަށާއި އަދި މިއީ އެކަމާމެދު ފުންކޮށް ވިސްނަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
އަފްގާނިސްތާނުގެ ސަރުކާރުން ބުނީ ތަލިބާނުންނާ އެކު ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދު ކަނޑާލި ނަމަވެސް އެ ގައުމުގައި ހަަރަކާތްތެރިވާ އައިއެސް ޖަމާއަތާ ހަނގުރާމަކުރުން މެދުކަނޑަނުލާނެ ކަމަށެވެ.
(ބީބީސީ)