08 Sep 2011, 16:10
ނިއު ދިއްލީން: ހައްވާ ލުބްނާ
ސާވިސް އިންޑަސްޓްރީ ނުވަތަ ހިދުމަތުގެ ވިޔަފާރީގެ ދާއިރާ އިން ސާކުގެ ދޭދޭ ގައުމުތަކުގެ މެދުގައި އިންވެސްޓްމެންޓް އިތުރުކޮށް، ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ސޮއިކޮށްފައިވާ އެގްރިމެންޓް އަންނަ ނޮވެމްބަރު މަހުގެ ތެރޭ ރާއްޖޭގައި ބާއްވާ ސާކު ސަމިޓްގެ ކުރިން ތަސްދީގުކުރަން ސަރުކާރުން ނިންމައިފި އެވެ.
ނިއުދިއްލީގައި މިއަދު ފެށި "ސައުތު އޭޝިޔާ ފޯރަމް"ގައި ވާހަކަ ދައްކަވަމުން ފައިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ވިދާޅުވީ، މިދިޔަ އަހަރު ސާކުގެ ގައުމުތަކުން ސޮއިކޮށްފައިވާ ސައުތު އޭޝިޔަން ޓްރޭޑް އިން ސާވިސަސް އެގްރިމެންޓް )ސަޓިސް( އަންނަ ސަމިޓުގެ ކުރިން ތަސްދީގުކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި އެ އެއްބަސްވުުމުގެ ދަށުން ރާއްޖޭގެ ހިދުމަތުގެ ދާއިރާގައި ބޭރުގެ ފަރާތްތަކުގެ އިންވެސްޓްމަންޓް އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިވެހިންނަށް ސާކުގެ އެހެން ގައުމުތަކުގައި ވެސް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ މައިގަނޑު އަމާޒެއް ރާއްޖޭގެ އިގުތިސާދު ފޮރިން އިންވެސްޓްމެންޓްތަކަށް ހުޅުވާލުން. ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަށްވުމާ އެކު އަޅުގަނޑުމެން އުއްމީދުކުރަން ސަޓިސް އެގްރިމެންޓްގެ ދަށުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ސަރަހައްދީ ގައުމުތަކުން އިންވެސްޓްކުރާ ގޮތް އިތުރުވެގެންދާނެ ކަމަށް،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ސާކުގެ އެހެން ގައުމުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެ އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަސްވެރިކަމުގެ ބާވަތްތަކަށްވީ އިރު، އެ ދާއިރާ އިތުރަށް ތަރައްގީކޮށް، މެރިން ކަލްޗާ އަދި އެކުއާ ކަލްޗާގެ ރޮނގުން އިތުރަށް މަސްވެރިން ފުޅާކުރަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މަސްވެރިކަމުގެ ބާވަތްތައް ސެންސިޓިވް ލިސްޓް ]ޓެކްސް ނަގައި ބާވަތްތަކުގެ ލިސްޓް[ އިން އުނިކޮށްދިނުމަށް ސާކުގެ ގައުމުތަކަށް މިނިސްޓަރު ގޮވައިލެއްވި އެވެ.
އަދި ރާއްޖެއަށް ގެންނަ އިގުތިސާދީ ބަދަލުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރި ހުރަސްތައް ނައްތާލާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގެ އިސްނެގުމާ އެކު ސާކު ގައުމުތަކުގެ މެދުގައި ގާއިމްކުރާ ފެރީ ނިޒާމްގެ ސަަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ވިޔަފާރި އިތުރަށް ފުޅާވެ، ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ދަތުރުފަތުރުކުރުމުގެ ހަރަދު ކުޑަވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ގޮތެއްގައި ފައިދާވާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނިއުދިއްލީގެ ތާޖް ޕެލެސް ހޮޓަލްގައި ކުރިއަށްދާ ދެ ދުވަހުގެ ފޯރަމް ހާއްސަކޮށްފައި ވަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ވިޔާފާރީގެ ގުޅުންތައް ވަރުގަދަކޮށް، ޔޫރަޕިއަން ޔޫނިއަން ފަދަ ވަރުގަދަ އިއްތިހާދެއް މިސަރަހައްދުގައިވެސް ގާއިމްކުރުމެވެ.
ސައުތު އޭޝިޔަން އިކޮނޮމިކް ޔޫނިއަން ގާއިމްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެކި ގައުމުތަކުގެ ތަފާތު ދާއިރާގެ ތަޖުރިބާކާރުން މި ފޯރަމްގައި ބައިވެރިވެ އެވެ.