ރާއްޖޭގަައި ކޭބަލް ޓީވީގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދޭ މީޑިއާނެޓުން މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، އަލްޓްރާ އެޗްޑީ (އެޗްޑީގެ ހަތަރު ގުނަ ނުވަތަ 4ކޭ ކޮލިޓީގައި) 10 މެޗު ދައްކާނޭކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރައްސްމިޔާތެއްގައި ވަނީ، މީޑިއާނެޓްގެ އެންމެ ފަހުގެ ސެޓް-ޓޮޕް-ބޮކްސް (އެމް580) އިފްތިތާހުކޮށްފައެވެ.

އެމް580 އަލްޓްރާ އެޗްޑީ ސެޓް ބޮކްސްއާ އެކު މީޑިއާނެޓުން ވަނީ، ފެޝަން1 4ކޭ، އިންސައިޓް އެޗްޑީ، ލަވް ނޭޗަރ 4ކޭ، ނިކަލޯޑިއަން އެޗްޑީ، ކާޓޫން ނެޓްވަރކް އެޗްޑީ އަދި ސޮނީ ޓެން2 4ކޭ ލޯންޗުކޮށްފައެވެ.

އެމް580 އަލްޓްރާ އެޗްޑީ ސެޓް ބޮކްސްއަކީ، އަލްޓްރާ އެޗްޑީ، ޑޮލްބީ ސަރައުންޑިންގ ސައުންޑް 5.1، އެންމެ ފަހުން ބެލި ޗެނަލް، އެއްފަހަރާ ގިނަ ޗެނަލްތަކެއް ރެކޯޑް ކުރެވޭ، 1ޓީބީ ހާޑް ޑިސްކެއް ހިމެނޭ އާލާތެކެވެ.

އެމް580 އަލްޓްރާ އެޗްޑީ ސެޓް ބޮކްސް އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން، މީޑިއާނެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ، ފައިނޭންސް އަހްމަދު ނާޝިދު ވިދާޅުވީ، އެމް580 ގަތުމަކީ މީޑިއާނެޓްގެ ކަސްޓަމަރުންނަށް މަޖުބޫރުކަމެއް ނޫންކަމަށާއި އެހެން ނަމަވެސް، 4ކޭ ކޮލިޓީގައި ޗެނަލްތައް ބަލައިލަން ބޭނުންނަމަ، އެ ޑިވައިސް ގަންނަން ޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، އެމް580 ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވޯލްޑް ކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބެލޭނޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މީޑިއާނެޓްގެ ޚިދުމަތް ފުޅާކޮށްފައި ވާއިރު، މިހާރުވެސް ގާތްގަނޑަކަށް 25000 ކަސްޓަމަރުން އެ ކުންފުނިން އެޗްޑީ ކޮލިޓީގައި ޓީވީގެ ޚިދުމަތް ބޭނުންކުރާ ކަމަށް ނާޝިދު ވިދާޅުވިއެވެ.