އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ރާއްޖެއަށް ހޯދައި ދިނުމަށް އިންޑިއާއިން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަން ކުރާކަމަށް ރާއްޖެ އިން އިންޑިއާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަހުމަދު މުހައްމަދު ވިދާޅުވީ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ރާއްޖެ އަށް ހޯދައިދޭން އިންޑިއާއިން ކުރި ތާއީދުގެ އަގު ރާއްޖެ އިން ވަޒަން ކުރާ ކަމަށެވެ.

އެކަމުގައި އިންޑިއާގެ ތާއީދު ލިބޭނެ ކަން މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުން ލިޔުމަކުން ވެސް ކަށަވަރު ކޮށްދިން ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ނުތަނަވަސް ކުރަން އުޅޭ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށެވެ.

"އަޅުގަނޑުމެން ދެ ގައުމުގައި އޮތް ގުޅުން ނުތަނަވަސް ކުރަމަށްޓަކައި އުޅުއްވާ ބަޔަކު ރާއްޖޭގައި އެބައުޅޭ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" ސަފީރު ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވާ ކަމުގެ ތަސައްވަރެއް ދެއްކުމަށްޓަކައި މީސް މީޑިއާ ގައި އިދިކޮޅު ފަރާއްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ނުރަައްކާތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދެ ގައުމެއްގެ ދޭތެރޭގައި ނުތަނަވަސް ކަން އުފެއްދުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށްވެސް ނުރައްކާތެރިކަމެއް. އަދި އެއީ ބަޔަކު މީހުން ކަންތައް ކުރަންވާނެ ގޮތެއްވެސް ނޫން،" ސަފީރު ވިދާޅުވިއެވެ.

މިފަދަ ވޯޓެއްގައި ބޭރުުގައުމަކާ ވާދަ ކޮށްލަން ކެރުމަކީ ބޮޑު ފަޚުރެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ސިޔާސީ ކަންކަމަކީ ވަކި ހުދޫދެއްގެ ތެރެއިން އޮންނަންޖެހޭ ކަމެއް ކަމަށާއި ގައުމުގެ މިނިވަންކަމާއި، ތިމާ ގައުމަށް ކުރާ ލޯބިގެ މައްޗަށް ސިޔާސީ ފިކުރު އިސްނުކުރުމަށް ސަފީރު ވަނީ ގޮވާލައްވައިފައެވެ.