އައްޑު އާއި ފުވައްމުލަކުގައި ނޮވެމްބަރު މަހު އޮންނަ 17 ވަނަ ސާކްސަމިޓާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޓްވެންޓީ- ޓްވެންޓީ" ކުރިކެޓް މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަވައްޓެރި ސްރީލަންކާއާ ބޫޓާނުން ދީފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އެއްބާރުލުމާއެކު ބާއްވަން ނިންމާފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 31 އިން ނޮވެމްބަރު މަހުގެ ނުވައެއްގެ ނިޔަލަށް ފުވަމުލަކުގައި މިހާރު ހަދަންފަށާފައިވާ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

ރާއްޖޭގެ ކްރިކެޓް ބޯޑުން ބުނީ، މުބާރާތުގައި ވާދަކުރުމަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ދައުވަތު ދީފައިވާ ކަމަށާއި އެގޮތުން މުބާރާތް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ އެޤައުމުތަކުގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމްތަކުގެ މެދުގައި ކަމަށެވެ. އަދި ވިހި އޯވަރަށް ކުޅޭ މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ކްރިކެޓްބޯޑުން ބުންޏެވެ.

ކްރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް އޮފިސަރު އިމާދު އިސްމާއިލް މިއަދު ބުނީ، މުބާރާތް ފުވައްމުލަކުގައި ބޭއްވުމުގެ ކަންތައްތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.

މުބާރާތް ކުޅޭ ފުވައްމުލަކު ސްޓޭޑިއަމްގެ ބިންގާ ފިތުރު އީދު ބަންދުގައި ރައީސް ނަޝީދު ވަނީ އަޅުއްވާދެއްވާފައިވާއިރު، ސްޓޭޑިއަމްގަިއ ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސްރީލަންކާގެ ކޮންސަލްޓެންޓެއް މިއަދު ފުވައްމުލަކަށް ދާނެ ކަމަށް ވެސް އިމާދު ބުންޏެވެ.

"ކްރިކެޓް މުބާރާތް ބޭއްވުމުގެ ކަންތައް މިހާރު ދަނީ ކުރިއަށް. އެގޮތުން ދަނޑުހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް. އެކަން ކުރަނީ ފޮރިން މިނިސްޓްރީއާ ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުން. މިއަދުވެސް ރާއްޖެއިން ބޭރުން ސްރީލަންކާގެ ކޮންސަލްޓެންޓެއް ގެނެސް އޭނަ ވަނީ ފުވައްމުލަކަށް ފޮނުވާފައި. މިހާރު ސްރީލަންކާ އަދި ބޫޓާ ވަނީ މުބާރާތުގައި ބައިވެރިވާނެ ކަމަށް ކޮންފޯމް ކޮށްދީފަ" އިމާދު ބުންޏެވެ.

އިމާދު ބުނީ، މުބާރާތުގައި ބައިވެރިވާނެކަން ބޫޓާނާއި ސްރީލަންކާއިން ރަސްމީކޮށް ޔަގީން ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މި ސަރަހައްދުގެ ކްރިކެޓްގެ އެންމެ ބޮޑު ބާރު ކަމަށްވާ އިންޑިޔާ އިން އަދި އެކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް މުބާރާތުގައި ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިމާދު ބުނީ މުބާރާތަށް އަންނަ ޓީމުތަކުގެ އެކޮމަޑޭޝަނާއި ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ އައްޑޫގައި ކަމަށެވެ.

މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި އަލަށް ބާއްވާއިރު، ދެކުނު އޭޝިއާ ސަރަހައްދުގައި ދުނިޔޭގެ ކްރިކެޓުގެ ބޮޑެތި ބާރުތައް ކަމަށްވާ އިންޑިޔާ އާއި ލަންކާ އަދި ޕާކިސްތާނުން ވަނީ މީގެ ކުރިން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ބަންގްލަދޭޝް އަކީ ވެސް ޓެސްޓް ކްރިކެޓުގައި ކުރިއަރަމުން އަންނަ ގައުމެކެވެ. އެހެން ނަމަވެސް މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމް އަންނަ މަހު ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވާކަމަށް ކުރިކެޓް ބޯޑުން ވަނީ ބުނެފަ އެވެ.