14:30


ޗައިނާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖައްސާފައިވާ 7.3 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ.ހުސެން ނިޔާޒެވެ.


ޑރ. ނިޔާޒް ވިދާޅުވި ގޮތުގައި، މިއަދު ސޮއިކުރެވުނު އެ އެއްބަސްވުމަކީ، ޗައިނާގެ ރައީސް ދިވެހި ސަރުކާރަށް ދެއްވާނެ ކަމަށް ވިދާޅުވި 50 މިލިއަން އާރް.އެމް.ބީ ޔުއާން ނުވަތަ 7.3 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ ކަންތައް ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. ރާއްޖެއަށް މި ހިލޭ އެހީ ދެއްވާނެ ކަމަށް ޗައިނާގެ ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިމަހުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކަމަށް ޑރ. ނިޔާޒް ވިދާޅުވި އެވެ.


ޑރ.ނިޔާޒް އިތުރަށް ވިދާޅުވީ، ޗައިނާ ސަރުކާރުން ހިލޭ އެހީދޭ އުސޫލުގެ ދަށުން ސަރުކާރަށް ސީދާ ފައިސާ ނުދޭ ކަމަށާއި އެ ފައިސާގެ އަދަދާ އެއްވަރުގެ ޕްރޮޖެކްޓެއް އެހީ ލިބޭ ގައުމުގައި ހިންގައިދެނީ ކަމަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އާ ޕްރޮޖެކްޓެއް ފަށާނެ ކަމަށް ޑރ. ނިޔާޒް ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން ޕްރޮޖެކްޓެއްކަމާއި އަދި މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ވިދާޅުވާން ދަތި ކަމަށްވެސް ޑރ.ނިޔާޒް ވިދާޅުވި އެވެ.


ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރުވެސް ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުންދެ އެވެ. އެގޮތުން މަސައްކަތް މިހާރު މުޅިން ނިމުމާ ގާތްވެފައިވާ ގައުމީ ދާރުލްއާސާރު ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ސުނާމީގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހދ.ނޮޅިވަރަމްފަރުގައި ހިންގާ ހައުސިންގް ޕްރޮޖެކްޓްވެސް ހިމެނެ އެވެ.