09 Jun 2018, 16:56
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މޭމަހު އެއް ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މީރާއިން ބުނީ، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 10.6 އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.6 އިންސައްތަ ދަށް އަދަދެކެވެ.
މޭ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.22 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކުރިން އަންދާޒާކުރި އަދަދަށްވުރެ 10.6 އިންސައްތަ އިތުރަށް އާމްދަނީ ލިބިފައިވަނީ މި މަހުގެ ތެރޭގައި ބައެއް ބޭންކްތަކުން ސުންގަޑީގެ ކުރިއަށް ބޭންކް ޕްރޮފިޓް ޓެކްސް ދައްކާފައިވާތީ ކަމަށް މިރާއިން ބުންޏެވެ.
ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމަށް މީރާއިން ދީފައިވާ ސުންގަޑިއަކީ 31 ޖުލައި 2018 އެވެ.
މީރާއިން ބުނީ، މޭ 2018ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 58.2 އިންސައްތަ (610.43 މިލިއަން ރުފިޔާ) އެ އޮތޯރިޓީއަށް ލިބިފައިވެއެވެ.
މީރާއަށް ބޭންކް ޕްރޮފިޓް ޓެކުހުން 98.71 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 64.16 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 57.64 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 57.34 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.24 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މޭމަހު އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބފައިިވާއިރު، މިދިޔަ އޭޕްރީލް މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.