Back
Nov 24, 2025 SUN
SUN

އަލީ ޝަމީމްގެ ހެޓްރިކާއެކު ޕޮލިސް ބަލިކޮށް، ނިއު ސެމީއާ ގާތަށް

އަލީ ޝަމީމްގެ ހެޓްރިކާއެކު ޕޮލިސް ބަލިކޮށް، ނިއު ސެމީއާ ގާތަށް
Lead photo

އަލީ ޝަމީމް (އައްޔަ)ގެ ހެޓްރިކާއެކު ޕޮލިސް ކްލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެޓެރަންސް ކަޕްގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ވެޓެރަންސް ކަޕްގެ ފައިނަލްގެ އޮޓޮމެޓިކް ޖާގަ ދެވަނަ ބުރުގެ އެއްވަނަ ޓީމަށް ލިބޭ އިރު، މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ކްލަބު ވެލެންސިއާއިން ވަނީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފައެވެ. ސެމީ ފައިނަލް ކުޅުމަށް ހަމެޖެހިފައިވަނީ ދެވަނަ ބުރުގެ ތާވަލުގައި ދެވަނައިގައި އަދި ތިންވަނައިގައި އޮންނަ ޓީމެވެ.

އިއްޔެ ކުޅުނު މެޗުން މޮޅުވެ، ނިއުއިން ވަނީ ދެވަނަ ބުރުގައި ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. އެޓީމަށް ދެވަނަ ބުރުގައި ބާކީ މެޗެއް ދެން ނޯންނާނެއެވެ. ދެވަނަ ބުރުގައި މިހާރު ބާކީ މެޗެއް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ސިފައިންގެ ކްލަބަށެވެ.

ދެވަނަ ބުރުގެ ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާއިން ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިފައި އޮތް އިރު، ހަތަރު ވަނައިގައި އޮތް ސިފައިންގެ ކްލަބަށް ތިން މެޗުން ލިބިފައި އޮތީ ތިން ޕޮއިންޓެވެ. ދެވަނަ ބުރުގެ ތާވަލުގެ ފުލުގައި އޮތް ޕޮލިސް އޮތީ މުބާރާތުން ކަޓައިފައެވެ.

މާފަންނު އެއް ނަންބަރު ޓާފްގައި އިއްޔެ ކުޅުނު މެޗު ނިއުއިން 4-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މެޗުގައި ނިއުގެ އައްޔަ ވަނީ ހެޓްރިކް ހަދައިފައެވެ. އޭނާގެ ތިން ގޯލްގެ ތެރެއިން ދެ ގޯލަކީ ލިބުނު ޕެނެލްޓީން ކާމިޔާބުކުރި ދެ ގޯލެވެ. ނިއުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އާދަމް ފަޒީހް (ފަޒިއްކޮ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް އައްޔަ ހޮވުނު އިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ އަބްދުﷲ ޝިފާއުއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރެއިން ދެވަނަ ބުރަށް ގޮސްފައި ވަނީ ފަސް ޓީމަކުންނެވެ.

ވެޓެރަންސް ކަޕްގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދު 4:30ގައި އޮންނަ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ސިފައިންގެ ކްލަބެވެ. އެއީ މިއަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ކުޅޭނެ ފަހު މެޗެވެ. ދެން އޮންނާނީ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics