އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެ ނުހޮވުމަކީ މަލާމާތްކޮށް ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން ކަމަށާއި އެވަރުގެ ގޮނޑިއަކަށް ވާދަކޮށްލަން ކެރުމަކީ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތައުރީފް ކުރަން ޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އިންޑޮނޭޝިއާއާ ވާދަކޮށް ނާކާމިޔާބުވުމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ އެފަދަ ގޮނޑިއަކަށް ރާއްޖެފަދަ ކުޑަ ގައުމަކުން ކުރިމަތިލުމަކީވެސް ރައީސް ޔާމީން ގައުމާ މެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެންދާ ކަމެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ކުޑަ ގައުމަކަށްވެ ހުރެ އދ.ގެ އެވަރު ވަރުގަދަ މަޖިލީހަކަށް ކުރިމަތިލާން ދިވެހިރާއްޖެއަށް ކެރުނު ކަމީ އެކަމަށްޓަކައި ތައުރީފް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ގޮނޑި ނާކާމިޔާބު ވުމަކީ އެއްގޮތަކަށްވެސް މަލާމާތްކޮށް ހަޖޫޖަހަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރޭ ލިބުނު ނަތީޖާއަކީ ކުރިއަށް ދިޔުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.

އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑިއަށް ވާދަވެރިކަން ބޮޑުވެފައި އޮތް އިރު، ރާއްޖޭގެ މައްޗަށް ވޯޓުގައި ކުރި ހޯދައި ގޮނޑި ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. އޭސިއާ ޕެސިފިކް ގޮނޑި ފިޔަވާ ދެން ކޮންމެ ގޮނޑިއަކަށް ވެސް ވާދަކޮށްފައިވަނީ އެންމެ ގައުމެކެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑޮނޭޝިއާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 44 ވޯޓެވެ. އިންތިހާބު ވުމަށް ބޭނުންވަނީ ހާޒިރުވެ ތިބި މީހުންގެ ތިން ބައިކުޅަ ދެ ބައެވެ. އެއީ 127 ވޯޓެވެ.