މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ދެ އިވެންޓެއްގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.

އެ މުބާރާތުގައި މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ރާއްޖެއިން ސެމީގެ ޖާގަ ހޯދައިފައި ވަނީ ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީންނެވެ.

މޮރިޝަސް ސީރީސްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ތިން ކެޓަގަރީއަކުން ދަތުރުކޮށްފައި ވެއެވެ. އެ ކެޓަގަރީތަކަކީ އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީއެވެ.

އަންހެން ސިންގަލްސްގެ ބައިން އައިމިނަތު ޝަހުރުނާޒް މޫސާ ކުއާޓާއަށް ދިޔައީ ގަދަ 16ގައި މޮރިޝަސްގެ ޖެއިޝާ ޗިނިއާ ބަލިކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ޝަހުރުނާޒް ގެންދިޔައީ 21-10 އަދި 21-5 އިންނެވެ. ޝަހުރުނާޒް ގަދަ 16 އަށް ދަތުރުކުރީވެސް މޮރިޝަސްގެ ކުޅުންތެރިއަކު ފަސޭހަ ކަމާއެކު ބަލިކޮށްގެންނެވެ.

ކުއާޓާގައި، މުބާރާތުގެ ތިން ވަނައަށް ސީޑު ކޮށްފައިވާ މޮރިޝަސްގެ އޮރޭލިއާ މަރީ އެލީސާ އަތުން ޝަހުރުނާޒު ބަލިވީ، 21-12އިން ދެ ސެޓުންވެސް ބަލިވެގެންނެވެ.

ފިރިހެން ޑަބަލްސްގެ ބައިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި ވަނީ މުހައްމަދު އަޖުފާނާއި އަހުމަދު ތޯއިފްގެ ޕެއާއެވެ. އެ ދެކުޅުންތެރިން ކުއާޓާއަށް ދަތުރުކުރީ މޮރިޝަސްގެ ޕެއާއެއް ކަމަށްވާ ނެވިން ލެފޯރާއި ކެސާވަން ވީރަޕެން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 21-12 އަދި 21-08 އިންނެވެ.

ކުއާޓާގައި މޮރިޝަސްގެ ޖިބްރާން އޯބީލަކާއި ވެޑް ކަލިޔުޗުރިންނާ ވާދަކޮށް ތޯއިފާއި އަޖުފާން މޮޅުވީ 21-7 އަދި 21-9 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިސްސް ޑަބަލްސްގެ ކެޓަގަރީން ރާއްޖޭގެ ދެ ޕެއާއެއް ކުއާޓާގައި ވާދަކުރިއެވެ. އެއީ ސާރިމް މުހައްމަދާއި ޝަހުރުނާޒުގެ ޕެއާ އަދި ތޯއިފާއި އައިމިނަތު ނަބީހާގެ ޕެއާއެވެ.

މިކްސް ޑަބަލްސް ކެޓަގަރީގެ ކުއާޓާ ފައިނަލްގައި ރާއްޖެއިން ވާދަކުރި ދެ ޕެއާވެސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

ސާރިމްއާއި ޝަހުރުނާޒްގެ ޕެއާއިން ކުއާޓާގައި ވާދަކުރީ މިކްސް ޑަބަލްސްގެ ދެވަނައަށް ސީޑް ކޮށްފައިވާ މޮރިޝަސްގެ ޖީން ބަރުނާޑާއި ލިއުގް ފޯ ސޭންގްގެ ޕެއާއާއެވެ. ރާއްޖެއިން ސެޓުތައް ގެންދިޔައީ 21-17 އަދި 23-21 އިންނެވެ.

ތޯއިފާއި ނަބީހާ ވާދަކުރީ މޮރިޝަސްގެ ތެޖުރާޖް ޕުލްޓޯއާއި ކްރިޓީޝާ މުންގުރާއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ދެ ސެޓު 21-17 އިން ދިޔަ އިރު ފައިނަލް ސެޓު ރާއްޖެއިން ގެންދިޔައީ 21-15 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ދެވަނަ ބުރުގައި ރާއްޖޭގެ އެއް މާބަނޑު ދެބެންގެ ޕެއާ ކަމަށްވާ ނަބީހާއާއި ފާތިމަތު ނަބާހާގެ ޕެއާ މިއަދު ވާދަކުރާނެއެވެ. އެ ކެޓަގަރީގައި ފަސް ޕެއާއެއް ވާދަކުރާ އިރު، ރާއްޖޭގެ ޕެއާ ސީޑް ކޮށްފައި އޮތީ ދެވަނަ ބުރަށެވެ. ރާއްޖެއިން ދެވަނަ ބުރުގައި ވާދަކުރާނީ މޮރިޝަސްގެ ޖެމީނާ ލިއުގް ފޯ ސޭންގާއި ގަނޭޝާ މުންގުރާހުގެ ޕެއާއާ ދެކޮޅަށެވެ.

މޮރިޝަސް ސީރީސްއަކީ ބީ ޑަބްލިއު އެފްގައި ހިމެނޭ ސީރީސްއެކެވެ. އެ މުބާރާތަށް ރާއްޖެ ވަނީ މިދިޔަ ހަތަރު އަހަރުވެސް ގޮސްފައެވެ. މިދިޔަ އަހަރު މޮރިޝަސް ސީރީޒް އިން ރާއްޖެއަށް ދެ މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޓީމަށެވެ.