09 Jun 2018, 15:02
އަންހެން 200 މީޓަރުގެ ޖޫނިއާ ގައުމީ ރެކޯޑު، ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އާކޮށްފިއެވެ.
އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ހިމްނާ މިއަދު އާކުރީ މިދިޔަ މަހު ސްރީލަންކާގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 200 މީޓަރު ދުވުމުގައި އޭނާ ހަދާފައިވާ 200 މީޓަރު ޖޫނިއާ ގައުމީ ރެކޯޑެވެ. ލަންކާގައި އޭނާ ރޭސް ނިންމީ 27.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އުމުރުން 16 އަހަރުގެ ހިމްނާ އޭނާގެ އަމިއްލަ ރެކޯޑު މިއަދު މުގުރާލީ ޖަޕާންގެ ގީފޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެންނުންގެ 200 މީޓަރު ހީޓް ދޭއްގައި ދުވެގެންނެވެ.
ގީފޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާ ވަނީ ގައުމީ އަންހެން 400 މީޓަރުގެ ސީނިއާ ރެކޯޑުވެސް މުގުރާލައިފައެވެ. ތަޖުރިބާކާރު ދުވުންތެރިޔާ މިރުފަތު އަހްމަދު އަތުގައި އޮތް އަންހެން 400 މީޓަރުގެ ގައުމީ ރެކޯޑު ހިމްނާ މުގުރާލީ އަންހެންނުންގެ 400 މީޓަރު ރޭސް 59.76 (ފަންސާސް ނުވަ ސިކުންތު 76 މިލިސިކުންތުން) ނިންމައިގެންނެވެ.
މިރުފަތު އަތުގައި އޮތް ރެކޯޑަކީ 2010 ވަނަ އަހަރު އިންޑިއާގެ ނިއުދީއްލީގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ދުވެ، އަންހެންނުންގެ 400 މީޓަރުގެ ދުވުން 1:00.33 (އެއް މިނެޓާއި 33 މިލިސިކުންތުން) ނިންމައިގެން އޭނާ ހަދާފައި އޮތް ރެކޯޑެކެވެ.
މިދިޔަ މަހު ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން 200 މީޓަރު ދުވުމުގެ ފައިނަލަށްވެސް ހިމްނާ ދަތުރުކޮށްފައިވާ އިރު، އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ދުވުންތެރިޔާއެވެ.