08 Sep 2011, 14:55
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހާއްސަ އިމްތިޔާޒްތަކެއް ލިބިފައިވާ ބަޔަކަށްވާ އިރު އެ މެންބަރުންގެ ކަރާމާތަށް އުނިކަމެއް ލިބޭ ގޮތަށް ކުރެވޭ ކޮންމެ ކަމަކީ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި އެ މެންބަރުންގެ ކިބައިން ކަމަކަށް އެދޭ އިރު ރިވެތި އުސޫލުން މުއާމަލާތް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސްކޮށްފި އެވެ.
މަޖިލީހުން މިކަމަށް އިލްތިމާސްކޮށްފައި ވަނީ މަޖިލީހުގެ މެންބަރުނަށް ދިނުމަށް ހަމަޖައްސާފައިވާ 20،000ރ.ގެ ކޮމިޓީ އެލަވަންސްއާ ދެކޮޅަށް އިސްކޮށް މަސައްކަތްކުރާ މީހުން، މަޖިލީހުގެ މެންބަރުންގެ ފޯން ނަންބަރުތައް މާލޭގެ އެކި ސަރަހައްދުތަކުގައި އާއްމުކޮށް، އެ މެންބަރުންނަށް ގުޅައި އުނދަގޫ ކުރުމަށް ގޮވާލާފައިވާ ބިލްބޯޑްތަކެއް ތަތްކޮށްފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދެއްވުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް ކަންކަން ގެނައުމަށްޓަކައި އެކިފަރާތްތަކުން ކުރާ މަސައްކަތްތައް ކުރަން ވާނީ އެ މެންބަރުންގެ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން އަދި މެންބަރުންގެ ޒާތީ ދިރިއުޅުމަށް ދަތިތަކެއް ދިމާނުވާނެ ގޮތެއްގެ މަތިން ޒިންމާދާރު ގޮތެއްގައި ކަމަށެވެ.
މަޖިލީހުގެ މެންބަރުންނަކީ ވެސް ރައްޔިތުން ކަމަށްވާ އިރު އެ މެންބަރުންގެ ވެސް ހައްގުތަކެއް ވާނެ ކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށާއި މަޖިލީހުން މެންބަރުންނަށް އުނދަގޫވާ ގޮތަށް، މެންބަރުންގެ ފޮޓޯ އާއި އަމިއްލަ މައުލޫމާތުތައް ހާމަކޮށް މެންބަރުންނަށް ފުރައްސާރަ ކުރެވޭ ބީދައިން އެކަން ކުރުމަކީ އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"ކޮންމެ މީހެއްގެ ވެސް ޒާތީ އަދި އާއިލީ ދިރިއުޅުމާއި މުއާމަލާތްތަކަކީ ހުރުމަތް ތެރިވެގެންވާ ކަންކަން. އަދި ހަމަ ކޮންމެ މީހަކުމެ އަނެކުންގެ ހައްގުތަކަށް ހުރުމަތް ތެރިކޮށް ހިތަންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ،" އެބަޔާނުގައިވެ އެވެ.
އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރޭ މަޖިލީހުގެ ރައީސް އަށް މުސްތޮފާ ފޮނުއްވި އެސްއެމްއެސްގައި މުސްތޮފާ ވިދާޅުވެފައި ވަނީ "މަޖިލީހުގެ މެންބަރުންގެ ހުއްދައެއް ނެތި އެ މެންބަރުންގެ ފޯން ނަންބަރުތައް އާއްމުކޮށް، އެމެންބަރުންނަށް ގުޅައި އުނދަގޫ ކުރާށޭ ކިޔައި، މަޖިލީހުގެ 77 މެންބަރުންގެ ފޮޓޯ ޖަހާފައިވާ ބިލްބޯޑެއް މަޖީދީމަގުގައި ނުބެހެއްޓޭނެ،" ކަމަށެވެ. އަދި އެކަމަކީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތުގެ އިތުރުން އެމެންބަރުންގެ ޒާތީ ދިރިއުޅުމަށް ވެސް އަރައިގަތުން ކަމަށް ވިދާޅުވެފައިވެ އެވެ.