ޗައިނާ ސަރުކާރުން ރާއްޖެއަށް ދިން ފަސް ސްކޮލާޝިޕަަކަށް ކުރިމަތިލުމުގެ ފުރުސަތުހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ)އިން އިއްޔެ ނެރުނު އިއުލާނުގައި ބުނީ ޗައިނާ ސަރުކާރުން ދެމުން އަންނަ "ޓިއެންޖިން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ސިލްކް ރޯޑް ސްކޮލާޝިޕް"ގެ ދަށުން ދީފައިވަނީ މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފަސް ފުރުސަތު ކަމަށެވެ.

މާސްޓާސް ޑިގްރީއަށް ހުޅުވާލީ ކޯސްތައް

  • ސިގްނަލް އެންޑް އިންފޮމޭޝަން ޕްރޮސެސިންގ

  • އެޕްލައިޑް ކޮމްޕިއުޓަރ ޓެކްނޮލޮޖީ
  • މެކޭނިކަލް އިންޖިނިއަރިންގ އެންޑް އޮޓޮމޭޝަން
  • ކޮންޓްރޯލް ތިއަރީ އެންޑް ކޮންޓްރޯލް އިންޖިނިއަރިންގ
  • ވެހިކަލް އިންޖިނިއަރިންގ

ޑީއެޗްއީ އިން ބުނީ އެ ސްކޮލާޝިޕްތަކުގެ ދަށުން ޓިއުޝަން ފީއާއި، އޮން ކެމްޕަސް އެކޮމަޑޭޝަން އަދި ލިވިންގް އެލަވަންސް ވެސް ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި މިއަހަރުގެ ޖޫން 10 އަކަށް 35 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.

ކޯސް ފުރިހަމަ ކުރުމަށް ފަހު ސަރުކާރަށްް ހިދުމަތް ކުރަން ޖެހޭނެ ކަމަށްވެސް ޑީއެޗްއީ އިން ބުންޏެވެ.

ޑީއެޗްއީން ބުނީ ކޯހަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ތައުލީމީ ސެޓްފިކެޓާއި އެހެނިހެން ތަކެތި އެ ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.