08 Sep 2011, 14:41
ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ]ޖޭއެސްޖީން[ ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެދި ގާނޫނީ ވަކީލުންގެ ޓީމަކުން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ފަނޑިޔާރުން ކޯޓްތަކަށް އައްޔަން ކުރުމަށް ގެންގުޅޭ އުސޫލީ މިންގަނޑުތަކާއި ތުސްތޫރީ އިމުގެ ބޭރުން މަތީ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް މިއަދު ކޯޓަށް މައްސަލަ ވައްދާފައި ވަނީ އަށް ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމަކުންނެވެ. ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލައި އިންސާފުގެ ހަމަތަކާ އެއްގޮތް ވާގޮތުގެ މަތިން ކަނޑައަޅާ ގަވައިދެއްގެ ދަށުން ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން ސުއޫދުގެ ލޯފާމުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަކީލް އަލީ ހުސައިން ވިދާޅުވީ މަތީ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ޖޭއެސްސީން އެކުލަވާލާފައި ވަނީ ގާނޫނު އަސާސީގެ 17 މާއްދާ ހިލާފަށް ކަމަށެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވިދާޅުވި އެވެ. މިއަދު ކުރި ދައުވާގައި އެ ގަވާއިދަކީ ބާތިލް ގަވާއިދެއް ކަމަށް ކަނޑައަޅައި ދެއްވުމަށް އެދިފައިވެ އެވެ.
އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމުގައި އަމިއްލަ މައްސަލަ ހިމެނޭ ގޮތަށް ޖޭއެސްސީގެ ދެ މެންބަރަކު އަމަލުކޮށްފައިވާ ކަމަށެވެ. އެ ގޮތުން އާއިލީ ގޮތުން ގުޅުން ހުރި މީހަކާއި ބިޒްނަސް ޕާޓްނަރަކާ ގުޅުން ހުރި ދެ މީހުންނާ ޖޭއެސްސީން އިންޓަވިއު ކުރި އިރު، އަމިއްލަ މަސްލަހަތު ހިމެނޭ ޖޭއެސްސީގެ ދެ މެންބަރަކު އިންޓަވިއުގައި ބައިވެރިވެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ނަމަވެސް އެ ދެ މެންބަރުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ތައުލީމީ ސެތްފިކެޓްތަކަށް މާކްސް ދިނުމުގައި ސަނަދުތައް ދަރަޖަ ކުރެވިފައިވާ ގޮތުގެ ގައުމީ އޮނިގަނޑާ ތައާރަޒުވާ ގޮތަށް ފަނޑިޔާރުންނަށް މާކްސް ދިނުމުގައި ޖޭއެސްސީން އަމަލު ކުރަމުންދާ ކަމަށެވެ.
އަލީ ހުސައިން ވިޅުވީ ވިދާޅުވީ ރާއްޖޭގެ އަދުލުއިންސާރުގެ ދާއިރާ ގުޅިފައި ވަނީ ތައުލީމީ ގާބިލް މީހުން އެ ދާއިރާގައި ނެތުމުން ކަމަށާއި އެ މައްސަލަތަކުގެ ހައްލަކީ ގާބިލް މީހުން ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރުން ކަމަށެވެ. އަދި މިހާރު ޖޭއެސްސީން އަމަލު ކުރަމުންދާ ގޮތުން ފަނޑިޔާރު ކަމަށް އައްޔަން ކުރެވޭނީ ޖޭއެސްސީން ބޭނުންވާ ވަކިބައެއް ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަ ކޯޓަށް ވެއްދީ މި ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އާއި ޅ. ހިންނަވަރު، ލަކީ، ހަމީދު އަބްދުލް ކަރީމް އާއި މ. ފްލޮރެންސް ހަސަން ފިޔާޒް އާއި ފ. ފީއަލި ރާވާވިލާ މުހައްމަދު ފަރީދު އާއި މ. ބަޑިކުޅީމާގެ އަނަސް އަބްދުސައްތާރެވެ. އަދި ބ. ދަރަވަންދޫ ފުނަވާގެ މުހައްމަދު ނިޒާމް އާއި ސ. މީދޫ ވިޖުރީއާ، މުހައްމަދު އިޔާސް އާއި ގދ. ތިނަދޫ އަލިދޯދި އަހުމަދު އަބްދުﷲ އަފީފެވެ.