އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމުގެ ގޮނޑިއަށް ނެގި ވޯޓު ރާއްޖެއަށް ކާމިޔާބު ނުވުމަކީ ލިބުނު ދެރައެއް ކަމަށާއި ނަމަވެސް މިކަމުގައި ރާއްޖެއިން ދެއްކި ހިތްވަރަކީ ކުދި ގައުމުތަކަށް ނަމޫނާއަކަށްވެގެން ހިނގައްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑޮނޭޝިއާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. އިންތިހާބު ވުމަށް ބޭނުންވަނީ ހާޒިރުވެ ތިބި މީހުންގެ ތިން ބައިކުޅަ ދެ ބައެވެ. އެއީ 127 ވޯޓެވެ.

މިވަގުތު އެމެރިކާގެ ނިއުޔޯކުގައި ހުންނެވި ޝައިނީ މިރޭ "ސަން"އަށް ވިދާޅުވީ ރައްޖެއިން ވަރަށް ވަރުގަދަ ކެމްޕެއިންއެއް ކުރި ކަމަށާއި މިވީ މުއްދަތުގެ ތެރޭގައި ގޮނޑި ކާމިޔާބު ކުރުމަށް ބުރަ މަސައްކަތްތަކެއް ރާއްޖެއިން ކުރި ކަމަށެވެ.

ޝައިނީ ވިދާޅުވީ މިއަދު ރާއްޖެއިން ކުރި މަސައްކަތާ މެދު މުޅި ދުނިޔެވެސް ފަހުރުވެރިވާ ކަމަށާއި ކުދި ޖަޒީރާ ގައުމަކަށްވެ ހުރެ ދެއްކި ހިތްވަރަށް އދ.ގައި ހިމެނޭ 190 ގައުމުންވެސް ތައުރީފް ކުރި ކަމަށެވެ. ޝައިނީ ވިދާޅުވީ މި ވޯޓުގައި ރާއްޖެ ބައިވެރިވެ ދެއްކި ހިތްވަރަކީވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އދ. ގެ 72 އަހަރުވީ ދިގު ތާރީޙުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޙާބު ވެފައިވަނީ، ކުދި އަދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ އަށް ޤައުމުކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ ރާއްޖެއިން މި ދެއްކި ނަމޫނާގެ ތެރެއިން ކުދި ގައުމުތަކުންވެސް ދެން އދ.ގެ އެކިއެކި މަޖިލިސް ތަކަށް ވާދަ ކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހުރިހާ ބޭފުޅުންވެސް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މިކަން ކުރީމަ. ނާކާމިޔާބުވުމަކީ ހިތާމަކުރާ ކަމެއް. ނަމަވެސް މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް މި ދައްކައިދެވުނީ ކުދި ގައުމުތަކަށްވެސް ވާދަ ކުރެވޭނެކަން،" ޝައިނީ ވިދާޅުވިއެވެ.

އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑިއަށް ވާދަވެރިކަން ބޮޑުވެފައި އޮތް އިރު، ރާއްޖޭގެ މައްޗަށް ވޯޓުގައި ކުރި ހޯދައި ގޮނޑި ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. އޭސިއާ ޕެސިފިކް ގޮނޑި ފިޔަވާ ދެން ކޮންމެ ގޮނޑިއަކަށް ވެސް ވާދަކޮށްފައިވަނީ އެންމެ ގައުމެކެވެ.

އިންޑޮނޭޝިއާއިން މި ވޯޓް ކާމިޔާބުކުރި އިރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ ގައުމުން ވަނީ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކޮށްފައެވެ. އެގައުމަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވި އިރު އެ ޖަމިއްޔާއަށް ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި ހޮވަނީ ފަސް ގައުމެވެ. ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ފަސް ގައުމެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި އެ މަޖިލީހަށް ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ބެލްޖިއަމް، ޖަރުމަނު ވިލާތް، ދެކުނު އެފްރިކާ، ޑޮމިނިކް ރިޕަބްލިކް އަދި އިންޑޮނޭޝިއާއެވެ. ދާއިމީ މެމްބަރުންނަކީ ރަޝީއާ، ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.