08 Jun 2018, 15:43
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަފްޣާނިސްތާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީއާއި އެ ކްލަބާ ދެމެދު ދެބަސްވުންތަކެއް އުފެދި، ސީޒަންގެ ކުރިއަށް އޮތް ތަނުގައި އޭނާ އެ ކްލަބުން ފެނިދާނެ ކަމާ މެދު ސުވާލުތަކެއް އުފެދިއްޖެއެވެ.
މި ސީޒަންގެ މާލޭ ލީގާއި އޭއެފްސީ ކަޕްގައިވެސް ނިއުގެ ފަހަތުން މުހިއްމު ކުޅުމެއް ދައްކަމުން އަންނަ އަމީރީ، ނިއުއިން ރޭ ޓީސީއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގެ ސްކޮޑުގައި ހިމަނިފައެއް ނުވެއެވެ.
"އަމީރީ... އަމީރީގެ ވާހަކަ ދައްކާނީ ކްލަބުން. ބައެއް ކަންކަން ހުންނާނެ އަހަރެން ކުރާ މަސައްކަތަކާ ނުގުޅޭ ވާހަކަތައް. އެއީ އަހަރެން ދައްކަން ޖެހޭ ވާހަކައެއް ނޫން،" ރޭގެ މެޗުގެ ސްކޮޑުގައި އަމީރީި ނުހިމެނީ ކީއްވެތޯ ސުވާލު ކުރުމުން ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުންޏެވެ.
މީގެ ކުރިންވެސް ނިއުއިން ގެނައި ސްޕެއިން ފޯވަޑް ގުއިލެމް މާޓީ ފޮނުވާލުމުގެ ކުރިންވެސް އޮސްކާ އެފަދަ ގޮތަކަށް މީޑިއާގައި ބުނެފައިވާ އިރު، އަމީރީ ކްލަބު ދޫކޮށްލަނީތޯ އޮސްކާ ކައިރިން އެހުމުން އޭނާ ބުނީ "ފަހަރެއްގައި އެހެންވެސް ވެދާނެ" ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަމީރީ މިއަދު ރާއްޖެއިން ފުރާނެއެވެ. އަދި އޭނާ އެނބުރި ނިއުއަށް އަންނަ ބޭނުން ނުވާ ކަމަށްވެސް ގިނަ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އަމީރީގެ ހާލަތާއި ގުޅިގެން ނިއުގެ ޖެނެރަލް ސެކްރަޓަރީ އަހުމަދު ނިޔާޒް (ޓެޑް) ބުނީ އަމީރީ ހުރީ ކްލަބުގެ ކޮންޓްރެކްޓްގައި ކަމަށާއި އެނާއާ ގުޅިގެން އިތުރު މައުލޫމާތުތަކެއް މީޑިއާއަށް މިވަގުތު ދޭން ބޭނުން ނުވާ ކަމަށެވެ.
"ކޮންޓްރެކްޓްގައި ނެތް ކަންތައްތަކެއް ޑިމާންޑު ކުރަމުން އަމީރީ ދަނީ. އޭނާ ހުރީ ނިއުގެ ކޮންޓްރެކްޓްގައި ކަމަށް ވުމުން އެކަމާ ގުޅިގެން އިތުރުން ވާހަކަތަކެއް މިވަގުތު މީޑިއާއާ ހިއްސާކުރަން ބޭނުމެއް ނުވޭ،" ޓެޑް ބުންޏެވެ.
އަފްޣާނިސްތާނުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ އުމުރުން 28 އަހަރުގެ ޑިފެންޑަރު، އަމީރީ އަކީ މިފަހަކަށް އައިސް ރާއްޖެގައި ކުޅުނު އެންމެ ވަރުގަދަ އެއް ޑިފެންޑަރެވެ. ހާއްސަކޮށް ނިއުއިން އޭއެފްސީ ކަޕްގައި ކުޅުނު މެޗުތަކުގައި އޭނާ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.