08 Jun 2018, 14:10
އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
އެކަން އިއުލާނުކޮށް ޝުޖާއު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމީ ގިނަ ސަބަބުތަކާ ހެދި ކަަމަށެވެ. އެއީ ރައްޔިތުންނަށް ގިނަ ހައްގުތަކެއް ހޯދައި ދިނުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އޭނާ ގަބޫލުކުރާ ގޮތުން ޒަމާނީ ޑިމޮކްރެސީގެ އަސާސްތަކާއި އިންސާނީ ހައްގުތަކަކީ ގާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުންނަށް ހަމަހަމަކަމާ އެކު ލިބިދޭން ޖެހޭ ހައްގުތަކެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ޝަރުއީ ނިޒާމު އިންސާފުވެރިވެ ދިވެހި އަސްކަރިއްޔާ އާއި ފުލުހުން ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ،" ޝުޖާއުގެ ބަޔާނުގައި ވިދާޅުވި އެވެ.
ޝުޖާއު އަކީ ކުރިން އެމްޑީޕީގައި އުޅެއްވުމަށް ފަހު ފަހުން އެމްޑީއާ ގުޅިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް އޭނާ އަކީ މިހާރު އެއްވެސް ޕާޓީއެއްގެ ބޭފުޅެއް ނޫނެވެ.
ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ ތައްޔާރީތައް މިހާރު އިލެކްޝަނުން ވަނީ ފަށައިފަ އެވެ.
ޝުޖާއުގެ އިތުރުން އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރައްވާފައި ވަނީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ނަމަވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީން ބޭއްވި ޕްރައިމެރީއަކީ ވެސް ގާނޫނާ ހިލާފު ޕްރައިމެރީއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.