08 Jun 2018, 20:09
އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމުގެ ގޮނޑިއަށް ނެގި ވޯޓު ރާއްޖެއަށް ކާމިޔާބެއް ނުވިއެވެ.
އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑިއަށް ވާދަވެރިކަން ބޮޑުވެފައި އޮތް އިރު، ރާއްޖޭގެ މައްޗަށް ވޯޓުގައި ކުރި ހޯދައި ގޮނޑި ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. އޭސިއާ ޕެސިފިކް ގޮނޑި ފިޔަވާ ދެން ކޮންމެ ގޮނޑިއަކަށް ވެސް ވާދަކޮށްފައިވަނީ އެންމެ ގައުމެކެވެ.
ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑޮނޭޝިއާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. އިންތިހާބު ވުމަށް ބޭނުންވަނީ ހާޒިރުވެ ތިބި މީހުންގެ ތިން ބައިކުޅަ ދެ ބައެވެ. އެއީ 127 ވޯޓެވެ.
އިންޑޮނޭޝިއާއިން މި ވޯޓް ކާމިޔާބުކުރި އިރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ ގައުމުން ވަނީ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކޮށްފައެވެ. އެގައުމަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވި އިރު އެ ޖަމިއްޔާއަށް ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި ހޮވަނީ ފަސް ގައުމެވެ. ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ފަސް ގައުމެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި އެ މަޖިލީހަށް ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ބެލްޖިއަމް، ޖަރުމަނު ވިލާތް، ދެކުނު އެފްރިކާ، ޑޮމިނިކް ރިޕަބްލިކް އަދި އިންޑޮނޭޝިއާއެވެ. ދާއިމީ މެމްބަރުންނަކީ ރަޝީއާ، ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް ރާއްޖެއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދިވެހި ސަރުކާރުން އެ ގޮނޑި ހޯދުމަށް މަސައްކަތް ކުރި އިރު ރާއްޖޭގެ ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަލާމަތީ މަޖިލީހުގެ ވޯޓް ނެގި ވަގުތު އެ ޖަލްސާގައި ރާއްޖޭގެ ފަރާތުން ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓަރު މުހައްމަދު ޝައިނީއާއި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.