ފައިސާގެ މައްސަލަތަކެއް ދިމާވެ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެ ނޫން މުވައްޒަފުންގެ މުސާރަ އާއި އިތުރު ގަޑީގެ ފައިސާ ދިނުމުގައި މައްސަލަތަކެއް ޖެހުމަށް ފަހު އިއްޔެ އާއި މިއަދު އިތުރު ގަޑީގެ ފައިސާ ދޫކޮށް ނިންމައިފި އެވެ.

މާލޭ ހެލްތު ކޯޕަރޭޝަން ސާވިސްގެ ސީއީއޯ އަދި އައިޖީއެމްއެޗުގެ މެނޭޖިން ޑައިރެކްޓަރު ކެތަރީން ޖޭން ވޯޓާސް މިއަދު ވިދާޅުވީ ޑޮކްޓަރުންނާއި އެ ނޫން މުވައްޒަފުންގެ އޯގަސްޓް މަހުގެ މުސާރަ އާއި އިތުރު ގަޑީގެ ފައިސާ ދިނުމުގައި ލަސްތަކެއް ވުމުން ހިތާމަ ކުރާ ކަމަށާއި އަންނަ މަހުން ފެށިގެން އެ މައްސަލަ ދިމާނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޯގަސްޓް މަހު އިތުރު ގަޑީގެ ފައިސާ 4.8 މިލިއަނަށް ރުފިޔާ އަށް އެރި ކަމަށާއި އެއީ އާންމު މަސް މަހަށް ވުރެ، ދެ ގުނަ ބޮޑު އަދަދެއް ކަމަށެވެ. އާންމު މަސްތަކުގައި އިތުރު ގަޑިއަށް އަރަނީ ދެ މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެތަރީން ވިދާޅުވީ އޯގަސްޓް މަހުގެ އޯވާ ޓައިމް ފައިސާގެ އަދަދު އިތުރުވީ ރޯދަމަހާ ދިމާވުމުން މަސައްކަތް ކުރާ ރަސްމީ ގަޑީގެ އަދަދު މަދުވެ، އިތުރު ގަޑީގެ ގޮތުގައި މަސައްކަތް ކުރަން ޖެހުނު ވަގުތު އިތުރުވުމުން ކަމަށެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ކްލިނިކަލް އެސިސްޓެންޓުންގެ މުސާރަ ދިނުމަށް އެ ހޮސްޕިޓަލުން ދޫކުރި ޗެކު ވަނީ ފައިސާ ނެތިގެން ބައުންސުވެފަ އެވެ. ނަމަވެސް ފައިސާގެ ތާށިކަމުގެ ތެރޭގައި ހޮސްޕިޓަލުން ވަނީ ޑިޕާޓްމަންޓް ހެޑުންގެ މުސާރަ ދެ ގުނައަށް ވުރެ ބޮޑު އަދަދެއް ބޮޑުކޮށްފަ އެވެ.