ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ އަދި ކުޅެމުން އަންނަ ހުނަރުވެރި ބަތަލު ޝާހްރުކްހާން އާ އެކީ އަދި ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޑައިރެކްޓަރު، ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.

ކަރަން ބުނީ ޝާހް އާ އެކީ ގިނަ ފިލްމުތަކެއްގައި އެއްކޮށް މަސައްކަތް ކުރި ނަމަވެސް އަބަދު ވެސް އޭނާއާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. ކާމިޔާބު ފިލްމުތަކެއް ދެ ސްޓާރުން އެއްކޮށް ވަނީ މީގެ ކުރިން ގެނެސްދީފަ އެވެ.

"އަބަދު ވެސް ބޭނުންވޭ އޭނާ އާ އެކީ މަސައްކަތް ކުރަން. ފޫހިނުވެ މަސައްކަތް ކުރެވޭނެ ތަރިއެއް އެއީ. އަހަރެންނަށް އެނގޭ އަހަރެމެން ދެމީހުން ވެގެން ކުރިއަށް ގެންދާ މަސައްކަތެއް ވިއްޔާ ވަރަށް ކާމިޔާބު ވާނެ ކަން،" ކަރަން ބުންޏެވެ.

ކަރަން ބުނީ ޝާހް އަކީ ރަހުމަތްތެރިއަކަށް ވުރެ ގާތް މީހެއް ކަމަށެވެ. "އެއީ ރަހުމަތްތެރިއެއް ނޫން. ބޮޑަށް ދެކެވެނީ އާއިލާ މެންބަރެއްގެ ގޮތުގައި."