ސަބް މެރިން ކޭބަލް ނެޓްވޯކެއް ގާއިމް ކުރުމަށް މިދިޔަ މާޗް މަހު ދިރާގުން ފެށި މެގަ ޕްރޮޖެކްޓްގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ޖަޕާނުގެ އެންއީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 21.7 މިލިއަން ޑޮލަރު ]ރަސްމީ ރޭޓުން 278.8 މިލިއަން ރުފިޔާގެ[ މެގަ ޕްރޮޖެކްޓާ ގުޅޭ ގޮތުން ނަލަހިޔާ ހޮޓެލްގައި މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޕްރޮޖެކްޓްގެ މެނޭޖާ އިބްރާހިމް އަންވަރު ވިދާޅުވީ އެ ޕްރޮޖެކްޓްގެ 50 ޕަސެންޓް މަސައްކަތް ނިމުމުގެ އިތުރުން ރާއްޖޭގެ އުތުރުން ދެކުނަށް ވަޅުލަން ޖެހޭ ސަބް މެރިން ކޭބަލް ވަޅުލުމަށް ކުރަން ޖެހޭ ސާވޭ ނިންމައި އަށް ރަށެއްގައި ގާއިމްކުރާ ސަބް ސްޓޭޝަންތަކުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނެ މެރިން ސާވޭއެއް ކުރަން. އެ ސާވޭ އަޅުގަނޑުމެން ނިންމަން އޮތް ދުވަހަށް، މާޗް މަހަށް ނިންމާފައި ކޭބަލް އެޅުމަށް ވާން ޖެހޭ ތައްޔާރީތައް މި ވަނީ. އެގޮތުން އަޅުގަނޑުމެން ސަބް ސްޓޭޝަންތައް ގާއިމް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އެއީ ބޯޓު މިކޮޅަށް އަންނަ އިރު ސްޓޭޝަންތައް ނިންމާފައި ހުންނަން ޖެހޭނީ. ދުނިޔޭގެ ނިސްބަތުން އެއީ މަދު ބޯޓުފަހަރުތަކެއް. ބޯޓު އަންނަން ވާއިރަށް ތިބެން ޖެހޭނީ ތައްޔާރަށް، އެހެންނޫނީ އަލުން ރިޒާވް ކުރަން ޖެހުނީމާ އެއީ އަނެއްކާ ބޮޑު ޕްރޮސެސްއެއް. މި ސެޕްޓެމްބަރާ ހިސާބަށް އައިރު އަށް ސްޓޭޝަންގެ މަސައްކަތް މިހާރު މި ހުރީ ފެށިފައި. އޭގެ ތެރެއިން ފަސް ސްޓޭޝަން އަކީ މުޅިން އަލަށް އަޅުގަނޑުމެން ތަރައްގީކުރާ ތަންތަން،" އަންވަރު ވިދާޅުވި އެވެ.

ދިރާގުގެ ސަބް ސްޓޭޝަންތަށް ގާއިމް ކުރަނީ ކުޅުދުއްފުށި، އޭދަފުށި، ހުޅުމާލެ ދަގެތި، ލ. ގަމު، ގައްދޫ، ފުވައްމުލަކު އަދި ހިތަދޫގަ އެވެ. އެ ކުންފުނީގެ ހެޑް އޮފް މާކެޓިން ހަސަން މައުމޫން ވިދާޅުވީ އެ ނެޓްވޯކުގެ ހިދުމަތް ދެވޭނީ މައި ސްޓޭޝަންތަކުން މައިކުރޯ ވޭވް އިން ސިގްނަލް ޓްރާންސްމިޓް ކޮށްގެން ކަމަށެވެ.

"ކޮންމެ ރަށެއްގައި ސްޓޭޝަނެއް ގާއިމް ކުރުމަކީ ފައިނޭންޝަލީ]ފައިސާގެ ގޮތުން[ ވެސް އަދި ޓެކްނިކަލީ ވެސް އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. އެ ސްޓޭޝަންތަކުން މައިކުރޯ ވޭވް ބޭނުންކޮށް ގެން އަޅުގަނޑުމެންނަށް ހިދުމަތްދެވޭނެ،" މައުމޫން ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ތަފްސީލްތައް ދެއްވަމުން މެނޭޖާ އަންވަރު ވިދާޅުވީ ޑިސެމްބަރު މަހު ކޭބަލް ވަޅުލަން ފަށާނެ ކަމަށާއި އެ މަސައްކަތް ޑިސެމްބަރު ނިމުމުގެ ކުރިން މުޅިން ނިންމާނެ ކަމަށެވެ. ކޭބަލްގެ މަސައްކަތް ނިމުމުން ޖެނޫއަރީން ފެށިގެން މާޗަށް ކޭބަލް ޓެސްޓް ކުރާނެ ކަމަށާއި ޓެސްޓް ސާވިސްތައް އެޕްރީލް މަހުތެރޭ ދޭން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ މުއްދަތުގައި ބަލާނަން އަޅުގަނޑުމެން ނަށް ދޭން އެއްބަސްވި ނެޓްވޯކުތޯ އެންއީސީން ދީފައި އޮތީ. އެކަން އަޅުގަނޑުމެން ޖޫން މަހުތެރޭ އެ ކުންފުންޏަށް ޔަގީންކޮށްދޭނަން. އޭގެ ފަހުން ވެސް ތިން އަހަރު ދުވަސް ވަންދެން ނެޓް ވޯކް ވޮރަންޓީ އެންއީސީން ދޭނެ،" އަންވަރު ވިދާޅުވި އެވެ.

މާކެޓިން މައުމޫން ވިދާޅުވީ މެގަ އެ ނެޓްވޯކުގެ ސަބަބުން ކުރިއަށް އޮތް 25 އަހަރަށް ބޭނުންވާ ބޭންޑް ވިތަށް ހިދުމަތް ދިނުމުގެ ގާބިލްކަން ދިރާގަށް ލިބޭނެ ކަމަށާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.