ކިޔެވުން ނޫން އެހެން ހުރިހާ ގަޑިއަކީ ފުޓުބޯޅައަށް ހާއްސަ ގަޑިއެވެ. ކެރިއަރެއް ބިނާކޮށް، ކުރިއަށް ދާން ބޭނުމީވެސް ފުޓުބޯޅައިންނެވެ. ޅަ އުމުރުގައި އެކަޑެމީއަކާ ގުޅި، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އާއިލާ އެންމެން ތިބީ އަތުގައި ހިފައިގެންނެވެ. ގޭތެރޭން ފަހި ކޮށްދެނީ ކުޅުންތެރިއެއްގެ މާހައުލެވެ. ނިދުމާއި ކެއުންވެސް ބައްޓަން ކޮށްފައި ވަނީ ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިއީ މާޒިޔާގެ އެކަޑެމީގައި ފަރިތަކުރަމުންދާ އުވައިޝް މުހައްމަދާއި އާލީ ޓަޗް ފުޓްބޯލް އެކަޑެމީ (އީޓީއެފްއޭ)އިން ތަމްރީނު ހަދަމުންދާ އަހުމަދު ޒަހާން ނަޒީރުގެ ޑެއިލީ ރޫޓީންއެވެ.

"ފުޓުބޯޅަ އެންމެ މުހިއްމު ކަމަކަށް އިންނާނީ. ކިޔަވަން އޮންނަ ވަގުތު ނޫނިއްޔާ ދެން ފުޓުބޯޅަ. ފެށީ ގްރޭޑް އެކެއްގައި އުޅެމުން. ފުރަތަމަވެސް ކުޑަ ހީނާ ކޯޗުގެ އީޓީއެފްއޭއިން ފެށީ. ފުޓުބޯޅައިގަ އޭރުން ފެށިގެން މި އުޅެވެނީ،" ޒަހާން އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ފެށުން ކިޔައިދިނެވެ.

އަހުމަދު ޒަހާން ނަޒީރު ސަން ސްޕޯޓްސްއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ

އުވައިޝްގެ ފެށުންވެސް ހަމަ އެކަހަލަ ގޮތެކެވެ. އުވައިޝް މާޒިޔާގެ އެކަޑެމީއާ ގުޅުނީ ޔޫކޭޖީގައި އުޅެމުން ކަމަށް އޭނާ ބުންޏެވެ. ފަރިތަކުރުންތަކަށް ދަނީ ވަރުބަލިކަމެއް ނެތިއެވެ. ދެކުދިންގެ މުސްތަގުބަލަށްވެސް ދެކޭ ހުވަފެނުގައި ފުޓުބޯޅަ ނޫން އެއްޗެއް ނެތެވެ.

ފުޓުބޯޅައަށް މަރުދޭ، ޅަ އުމުރުން ފެށިގެން ފުޓުބޯޅަ ތެރެއަށް ވަދެގެން އައި ދެ ކުދިންނަކީވެސް ޔޫރަޕްގެ ފުޓުބޯޅައާއި ދުނިޔޭގެ ފުޓުބޯޅަ ބަރާބަރަށް "ފޮލޯ" ކުރާ ދެކުދިންނެވެ. ފުޓުބޯޅައިގައި އުވައިޝްއާ ޒަހާންގެ ރޯލް މޮޑެލުންވެސް ތިބީ އެ ސްޓޭޖުގައެވެ. ޒަހާންއާއި އުވައިޝްވެސް ވޯލްޑް ކަޕްގައި ސަޕޯޓް ކުރާނެ ޓީމަކީ ބްރެޒިލެވެ. ވޯލްޑް ކަޕް ފަދަ ޕްލެޓްފޯމަކުން ބްރެޒިލް ފަދަ ޓީމެއްގެ ތަރިންނާ ބައްދަލުވެ، ވޯލްޑް ކަޕްގެ ހަރަކާތެއްގައި ބައިވެރިވުމަކީ ޒަހާންއާއި އުވައިޝްއަށްވެސް އުންމީދުގައި ނެތް، އެހެން ނަމަވެސް އަބަދުވެސް ދެކޭ ހުވަފެނެކެވެ. މިއަދު އެ ދެ ކުޅުންތެރިންނަށްވެސް ހުވަފެނުގައި ކުލަޖެއްސުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. ކެރިއަރެއް ބިނާ ކުރުމަށް ހިތްވަރު ހޯދުމަށް ބަލަމުންދާ އެތައް ތަރިންނަކާ މިއަދު އެ ދެކުޅުންތެރިންނަށް ބައްދަލު ކުރުމަށް ފުރުސަތު ވަނީ ފަހިވެފައެވެ.

އުވައިޝް މުހައްމަދު ސަން ސްޕޯޓްސްއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތުގައި ބައިވެރިވާ ދިވެހި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނި އުވައިޝްއާއި ޒަހާންވެސް ވަނީ މިއަހަރުގެ ވޯލްޑް ކަޕް އޮންނަ ރަޝިއާއަށް ފުރާފައެވެ.

ފީފާގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ގެޒްޕްރޮމްގެ ފަރާތުން ވޭތުވެދިޔަ ފަސް އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާ "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތަކީ ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެކެވެ. އެހެން ނަމަވެސް މިއަހަރު ހަރަކާތް ކުރިއަށްގެންދާނީ ވޯލްޑް ކަޕާ ދިމާކޮށެވެ.

މިއަހަރު ރަޝިޔާގެ މޮސްކޯގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރާއްޖެއަށް ފުރުސަތު ލިބުނީ ދެ ކުއްޖަކު އެ ހަރަކާތުގައި ބައިވެރި ކުރުމަށެވެ. އެއް ކުއްޖަކީ 12 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އަނެއް ފުރުސަތު ލިބިގެންދަނީ 12 އަހަރުގެ ޖާނަލިސްޓަކަށެވެ. އެހެން ނަމަވެސް ރާއްޖެއިން ހަރަކާތުގައި ދެ ޑިފެންޑަރުން ބައިވެރިކޮށްފައިވާ އިރު، އެފްއޭއެމްއިން ބުނީ ދެ ކުޅުންތެރިންނަށްވެސް ފުޓުބޯޅަ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި އަހަރުގެ މުބާރާތުގައި 211 ގައުމަކުން ކުޅުންތެރިން ބައިވެރިވާނެ އެވެ. ވޯލްޑް ކަޕްގެ ފޯމެޓަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ 32 ޓީމުގައި ކުޅޭނީ އެކިއެކި ގައުމުތަކުގެ ކުޅުންތެރިންނެވެ. އެކި ގައުމުތަކުން ޓީމުތަކުގެ މަގާމުތަކަށް ކުޅޭ ކުޅުންތެރިން މުބާރާތަށް ފޮނުވުމަށް ހަމަޖެހިފައިވާ އިރު، ގައުމުތަކުން ކުޅުންތެރިން ފޮނުވާނެ މަގާމު އަދި ޓީމު ހޮވާފައި ވަނީ ގުރުއަތު ނަގައިގެންނެވެ.

އުވައިޝް މުހައްމަދު ސަން ސްޕޯޓްސްއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ

ރާއްޖެ އިން ވާދަކުރާ ކުޅުންތެރިޔާ ހިމެނެނީ "ވޭލް ޝާކު" ޓީމުގަ އެވެ. ރާއްޖެއަށް ފުރުސަތު ލިބިފައި ވަނީ އެ ޓީމަށް ޑިފެންޑަރެއް ފޮނުވުމުގެ ފުރުސަތެވެ. އޭނާއާ އެކު ޓީމުގައި ދެން ހިމެނެނީ ބުރުނާއީ ކީޕަރެއްގެ އިތުރުން ކޭޕް ވާޑް އައިލެންޑްސްގެ ޑިފެންޑަރެއް، ހޮންޑޫރަސް އަދި ބޮސްނިއާގެ މިޑްފީލްޑަރެއްގެ އިތުރުން ލުބުނާނުގެ ފޯވަޑެކެވެ.

"ވަރަށް އުފާވި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީމަ. ތަފާތު ތަޖުރިބާއަކަށް ވާނެ. އެހެން ގައުމުތަކުގެ ކުޅުންތެރިންނާއެކު ކުޅެލާ. ހުނަރު ދައްކާލަން ލިބޭނެ ފުރުސަތެއް މިއީ. ރާއްޖެ ތަމްސީލު ކޮށްދޭނަން،" ޒަހާން ބުންޏެވެ.

އަހުމަދު ޒަހާން ނަޒީރު ސަން ސްޕޯޓްސްއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ

ރާއްޖެއިން ކުދިން ހޮވުމަށް ފުރުސަތު ހުޅުވާލީ އެކަޑެމީތަކަށެވެ. ޑިފެންޑަރެއް ހޯދުމަށް އެފްއޭއެމްއިން އަތް ފުނާ އެޅީ، ރާއްޖޭގެ ފުންނާބު އުސް ދެ ކޯޗުންގެ އެހީގައެވެ. މިހާރު ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިތުރުން އިސްމާއީލް އަނިލް މެދުވެރިކޮށް ރާއްޖޭއިން މޮސްކޯއަށް ދާނެ ކުޅުންތެރިން ހޮވި އިރު، ދެ ކޯޗުންނަށް ކަމުދިޔައީ ދެ ކުޅުންތެރިއެކެވެ. އުވައިޝްއާއި ޒަހާން، ދެ ކުޅުންތެރިންވެސް ހުނަރުން ފުރިފައިވުމުން އެ ފުރުސަތު ދެ ކުޅުންތެރިންނަށް ދިނުމަށް ދެ ކޯޗުން އެދުނު ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. އަދި ގެޒްޕްރޮމްއާ ވާހަކަ ދެކެވި ރާއްޖެއިންދާ ދެ ކުޅުންތެރިންނަށްވެސް ފުޓުބޯޅައިގެ ހުނަރު ދައްކާލުމަށް ފުރުސަތު ލިބޭނެ ކަމަށް އެފްއޭއެމްއިން ބުންޏެވެ.

"އެހާ ގިނަ ކުޅުންތެރިންގެ ތެރެއިން ސެލެކްޓްވީމަ ވަރަށް އުފާވި. މިއީ ހަމަ ވަރަށް ވަރަށް ބޮޑު އިންސްޕިރޭޝަނަކަށް ވާނެ. ވޯލްޑް ކަޕް ފަދަ މުބާރާތަކުން ފެވަރިޓް ކުޅުންތެރިން ފެނި. މުޅި ދުނިޔޭގެ އެކި ހިސާބުތަކުގެ ކުޅުންތެރިނާއެކު ކުޅެލަން ވަރަށް ތަފާތު އެކްސްޕީރިއެންސަކަށް ވާނެ،" އުވައިޝް ބުންޏެވެ.

ޒަހާންއާއި އުވައިޝް މޮސްކޯއަށް ފުރުމުގެ ކުރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެ ކުޅުންތެރިންގެވެސް ޝުކުރުގެ ލިސްޓްގައި ހިމެނެނީ އެއް ބައެކެވެ. ބެލެނިވެރިންނާއި ލޯބިވާ އާއިލާއެވެ. އެކަޑެމީގައި އެއްކޮށް ކުޅޭ ކުޅުންތެރިނާ ކޯޗުންނެވެ. ފުޓުބޯޅައިން ކުރިއަށް ދިއުމަށް އަބަދުވެސް ހިތްވަރުދޭ ރައްޓެހިންނެވެ. ވަކިން ހާއްސަކޮށް އެފްއޭއެމްގެ ފުރުސަތަށް ދެ ކުޅުންތެރިންވެސް ޝުކުރު އަދާކުރެއެވެ.

ޒަހާންއާއި އުވައިޝްގެވެސް ޕޮޓެންޝަލް އެބައޮތް - ދޫކޮށް ނުލާނަން

ވޯލްޑް ކަޕްގެ ތެރެއަށް ގޮސް، ތަފާތު ތަޖުރިބަތަކަކާއެކު އެނބުރި ރާއްޖެ އައުމުން އުވައިޝްއާއި ޒަހާން އޮތް ކުރިމަގަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދާނެއެވެ. ރާއްޖެއިން ބޭރު އެތައް ހިސާބަކަށް ގޮސް، ޒަހާންއާއި އުވައިޝްވެސް ހޯދާ ތަޖުރިބާގެ ބޭނުން ހިފާނީ ކޮން ގޮތަކަށްތޯ، މި ސުވާލަށް ޖަވާބު ދިނީ އެފްއޭއެމްގެ އެސިސްޓެންޓް ޓެކްނިކަލް ޑިރެކްޓަރު، އަދި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި) އެވެ.

"ރާއްޖޭގެ ޒުވާން ކުޅުންތެރިނަށް އެންމެ މުހިއްމު ކަމަކަށް އޮތީ ޕްރޮފެޝަނަލް ފުޓުބޯޅަ ކައިރިން ފެނުން. އަހަރެމެންގެ ފުޓުބޯޅަ އޮތް ލެވެލްއަށްވުރެ މާ މަތީގައި މިހާރު ފުޓުބޯޅަ އޮތީ. ދާދި ފަހުން ޖަޕާނަށް ކުރި ދަތުރުގައި އެތަނުގެ އެކަޑެމީތަކަށް ޒިޔާރަތް ކޮށް ބަލާލިން އެ މީހުންގެ ޓްރެއިނިންތައް. ވަރަށް ތަފާތު އަސްލު. ރާއްޖޭގެ ކުޅުންތެރިން އެހިސާބަށް ފޮނުވޭތޯ މި ބަލަނީ. އުވައިޝްއާއި ޒަހާންއަކީވެސް ވަރަށް ޕޮޓެންޝަލް ހުރި ދެ ކުޅުންތެރިން. މޮސްކޯއިން ލިބޭ ތަޖުރިބާއާއެކު އެ ދެކުޅުންތެރިން ދޫކޮށް ނުލާނަން. އަދިވެސް އިތުރު ތަމްރީނުތަކަށް ފޮނުވައިދޭން އެފްއޭއެމްއިން މަސައްކަތް ކުރާނަން،" ސާންތި ބުންޏެވެ.

ސާންތި ބުނީ ފުޓުބޯޅަ ކުޅޭ ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ފުރުސަތަށް އުވައިޝްއާއި ޒަހާންއަށްވެސް ކާމިޔާބަށް އެދޭ ކަމަށާއި، މި ލިބުނު ފުރުސަތަކީ ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން ހޯދުނު ފުރުސަތެއް ކަމަށެވެ. ކުރިންވެސް ރާއްޖެއަށް މި ފުރުސަތު ލިބުނު ނަމަވެސް އެކަމަށް މާ ބޮޑަށް މަސައްކަތް ކުރެވިފައި ނެތް ކަމަށާއި، މިފަހަރު އެކަމަށް މަސައްކަތް ކުރީ ރާއްޖޭގެ ފުޓުބޯޅައަށް މި ކަންކަން މުހިއްމުވާނެތީ ކަމަށްވެސް ސާންތި ބުންޏެވެ.