08 Jun 2018, 00:36
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ޗެންނާއީއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި މައްސަލަ ބަލަމުން އަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމަރާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެންބަރު ނިހާނަށް އިންޑިއާއަށް އެތެރެ ނުވެނުނީ ކީއްވެތޯ ބެލުމުގެ މަސައްކަތް އެކްސްޓާނަލް އެފެއާޒުން ދަނީ ކުރަމުންނެވެ. އިތުރު އެއްވެސް ތަފްސީލެއް ނޭނގޭ ކަމަށް ރަވީޝް ވަނީ ވިދާޅުވެފައެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ޗެންނާއީއަށް ނިހާނު ވަޑައިގަތީ އިތުރު ބޭފުޅުން ތަކަކާއެކު ބޭސް ފަރުވާ އަށެވެ. އިންޑިއާއަށް އެތެރެ ނުވެވުނު މައްސަލާގައި ނިހާނު ވިދާޅުވީ ހުއްޓުވި ސަބަބަކީ ޕީޕީއެމްގެ މެމްބަރަކަށް ވީމަތޯ ނޫނީ މިހާރު ރާއްޖޭގައި އޮތް ސަރުކާރަށް ތާއީދުކުރާ މީހެއްވީމާތޯ ވެސް އިންޑިއާއިން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑު އަތުން އެއްވެސް ލިޔުމެއްގައި ސޮއެއް ނުކުރުވާ. ޕާސްޕޯޓުގައި ތައްގަނޑެއް ނުޖަހާ. އިންޑިއާއަށް އެރުން މަނައެކޭވެސް ނުބުނޭ. އެކަމަކު ތިން ކަރުދާހެއް އެބޭފުޅުން ގެންގުޅުއްވި. އެ ތިން ކަރުދާހުގެ ތެރޭން އެއް ކަރުދާހެއް އަޅުގަނޑު ދަތުރުކުރި އެއާލައިންގެ އެޖެންޓާ ހަމައިގައި އޮތްކަން އަޅުގަނޑަށް އެނގޭ. އެކަމަކު ނުވެއް ދެކެން،" އެ މައްސަލާގައި ނިހާން މީގެ ކުރިން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެގޮތަށް ކުއްލިއަކަށް އިންޑިއާއަށް އެތެރެވުން މަނާކުރާ ގޮތްތަކެއް އިންޑިއާއިން ކަނޑައަޅައިފިއްޔާ އެކަން ރާއްޖެއަށް އަންގަންޖެހޭ ކަމަށެވެ. ނިހާން ގަބޫލުކުރެއްވީ އިންޑިއާގެ އިމިގްރޭޝަނުން އޭނާއަށް "ބުލީ ކުރީ" ކަމަށެވެ.
ނިހާން ވިދާޅުވީ އެކަން އެހެން މީހުންނަށްވެސް ކުރިމަތިވެދާނެ ކަމަށާއި އެހެންވީމަ އެކަން ހިނގާދިޔަގޮތް ސާފުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބައެއް އެހެން ދިވެހިންނަށް އެކަން ތަކުރާރުކޮށް ދިމާވެފައިވާ ކަމުގެ މައުލޫމާތެއްވެސް ލިބިފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.
"މި މަންޒަރު ސާފުވެގެން ދާއިރުގައި އަޅުގަނޑަށް ހަމަ ހިޔާލަށް އާދޭ ބުލީ ކުރުމުގެ ވައްތަރަކަށް މިކަން ވެގެންދާކަން. ވަރަށް ރަނގަޅަށް ކާން ލިބިފައި ހުރި މާސިންގާ ކުއްޖަކު ހަމަ ކުލާހުގައި އިންނަ ތަންކޮޅެއް ބަލިކަށި ކުއްޖެއްގެ ބޮލުގައި ދުވާލު ހަތަރުފަހަރު ޖެހުން ކަހަލަ ކަމެއް މި ކޮށްގެން މިދިޔައީ،" ނިހާން ވިދާޅުވިއެވެ.
މާސިންގާ ބޮޑު ގައުމަކުން އެފަދަ ކަމެއް ތަންފީޒު ކުރާނަމަ އެއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ. އެހެންވީމަ އެކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާފުކޮށްދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވި ގޮތުން އިންޑިއާއަށް ނުވަދެވިގެން އޭނާ އެއްގޮތަކަށްވެސް ދެރައެއް ނުވެއެވެ. އަދި އިންޑިއާއަކީ އެގައުމަކަށް ނުވަދެވިގެން ދެރަވާނެ އެންމެ ފަހު ގައުމު ކަމަށް ނިހާން ވިދާޅުވިއެވެ.
އެއްވެސް ސަބަބެއް ނާންގައި އިންޑިއާގެ ޗެންނާއީއަށް ވަނުމުގެ ފުރުސަތު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ނުދިން ސަބަބު ސާފުކުރަން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒަށް ވެސް ވަނީ ހުށަހަޅައިފައެވެ.