އިލެކްޝަންސް ކޮމިޝަނުން ހަރަކާތްތެރިވާނީ އިންތިޚާބާ ގުޅޭ ކަންކަމާއި ޕާޓީތަކާ ގުޅޭ ކަންކަމުގައި ކަމަށާއި އެއްވެސް ކަމެއްގައި އިކެލްޝަންސް އިން ގާނޫނީ އިމުގެ ބޭރުން މަސައްކަތް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚް އިއުލާނު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޕާޓީތައް ރެގިއުލޭޓް ކުރުމުގައިވެސް އެ ކޮމިޝަނުން ގާނޫނީ އިމުން ބޭރު ނުވާނެ ކަމަށެވެ.

"... އަދި އެއްވެސް ޕާޓީއަކަށްވެސް އަދި އިންތިޚާބާ ގުޅޭ އެއްވެސް އިރުޝާދެއްވެސް އަޅުގަނޑުމެން ގާނޫނީ އިމުން ބޭރުން އިރުޝާދެއް ނުދޭނެ، ގާނޫނުން ނުލިބޭ ބާރެއް އަޅުގަނޑުމެން ބޭނުމެއް ނުކުރާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ގާނޫނުން އިލެކްޝަންސްއަށް ލާޒިމުކުރާ އެއްވެސް ކަމެއް ހުއްޓުވަން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެންވެސް ނުވާނެ ކަމަށެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ ކޮމިޝަނަށް ނުލިބޭ ބާރެއްގެ ދަށުން މަސައްކަތް ނުކުރާ ކަމަށެވެ. ޕާޓީތަކުގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އީސީ އިން ބަސްބުނީ ގާނޫނީ އިމުން ބޭރުން ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އިންތިޚާބުތަކުގެ ނަތީޖާ ނުކުންނަ ގޮތުން އިންތިޚާބުން ނުހޮވޭ ފަރާތަކަކަށް އެހެން ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ އިންތިޚާބެއް ކަމަށާއި ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

އިންތިޚާބުތަކާ ގުޅިގެން އުފެދޭ މައްސަލަތަކަށް ހައްލު ހޯދުމަށް އިންތިޚާބާ ގުޅޭ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެއާއެކު މީގެ ކުރީ އިންތިހާބުތަކުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުންތައް ހައްލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.