މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާގޮތަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އިންތިޚާބު ބާއްވާނެ ތާރީޚް އިއުލާނު ކުރީ މިރޭ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ތާރީޚް އާންމުކޮށްދިނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނެވެ.

ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ އާދިއްތަ ދުވަހެއް ކަމަށާއި އެ ދުވަހަކީ އިންތިޚާބަށް ޚާާއްސަ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ޓައިމްލައިން

  • ވޯޓާސް ލިސްޓު އިއުލާނު ކުރުން: 10 ޖޫން 2018

  • ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން 10 ޖޫން 2018 އިން 20 ޖޫން 2018 އަށް
  • އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވާލުން: 15 ޖުލައި 2018 އިން 27 ޖުލައި 2018 އަށް
  • ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުން: 17 ޖުލައި 2018 އިން 19 އޮގަސްޓް 2018 އަށް
  • ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން: 9 އޮގަސްޓް 2018

ޤާނޫނު އަސާސީ ބުނާގޮތުން (110 ވަނަ މާއްދާ) ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިޚާބު އިއުލާނު ކުރަންވާނެއެވެ.

އިލެކްޝަންސް އިން ބުނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓް ފޮށި ބެހެއްޓި ހުރިހާ ސަރަހައްދެއްގައި މިފަހަރުވެސް ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. ވޯޓް ފޮށި ބަހައްޓާނެ ސަރަހައްދުތައް އަންނަ މަހު އިއުލާނު ކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚް މިރޭ އިއުލާނު ކޮށްފައިވާ އިރު، މި އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރެއްވި އިރު އެޕާޓީ އިން ވަނީ ނަޝީދަށް ޓިކެޓް ދީފައެވެ. ނަމަވެސް އިލެކްޝަންސް އިން ބުނީ ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އިއުލާނު ކުރައްވައިފައެވެ.