08 Sep 2011, 13:01
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ، ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އިލެކްޝަނުން ބުނީ ޕީޕީއެމް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް 703 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް ބެލުމަށް ފަހު 50 މީހުންގެ ފޯމު ސައްހަ ވެފައިވާތީ އެނަމުގައި ޕާޓީއެއް އުފެއްދުމަށް ސޮއި ހޯދުމަށާއި ކުރަން ޖެހޭ އެނިހެން ކަންތައް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އަދި ޕީޕީއެމްގެ ކަންކަމާ ގުޅިގެން ވަގުތީ ގޮތުން މުޢާމަލާތް ކުރުމުގެ ހުއްދަ މއ. ކިނބިގަސްދޮށުގޭ އަހުމަދު ފާރިޝް މައުމޫނަށް ދީފައިވާ އިރު ޕީޕީއެމް އުފެއްދުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީގެ ވަގުތީ އެޑްރެހެއްގެ ގޮތުގައި އިލެކްޝަނަށް ހުށަހަޅާފައި ވަނީ ހ. ސަކީނާމަންޒިލްގެ 8 ވަނަ ފަންގިފިލާ އެވެ.
ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޕީޕީއެމް އުފެއްދުމަށް ބޭނުންވާ ތިން ހާސް މީހުންގެ ސޮއި ހޯދުމަށް މިއަދު ފެށިގެން ނުވަ މަސް ދުވަސް ދީފައިވާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ކުރުމަށް 10 މެންބަރުންގެ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން އެ ކޮމެޓީގައި ހިމެނެނީ، ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫންނާއި ޕީއޭގެ ކުރީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޔާމީން އަބްދުލްގައްޔޫމާއި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ޑރ. މުހައްމަދު ސައުދާއި ކުރީގެ ރައީސް މައުމޫންގެ ކުރީގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންނެވެ.