07 Jun 2018, 20:20
މިސްރުގެ މުހައްމަދު ސަލާހަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށާއި، ވޯލްޑް ކަޕްގައި ސަޕޯޓުކުރާނީ މިސްރަށް ކަމަށް ބެލްޖިއަމްގެ ކެޕްޓަން އެޑިން ހަޒާޑް ބުނެފިއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ މިސްރާއި ބެލްޖިއަމްއިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަޒާޑްގެ އިތުރުން ރޮމެލޫ ލުކާކޫއާއި މަރުއާން ފެލައިނީވެސް ގޯލް ޖަހާފައިވާ އިރު، މިސްރުގެ ތަރި، ސަލާހް ކުޅެފައެއް ނުވެއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގައި ސަލާހްގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ވޯލްޑް ކަޕްގެ ބައެއް މެޗުތަކަށް ސުވާލު އުފެދިފައިވާ އިރު، މިސްރުގެ އެފްއޭއިން ބުނެފައިވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ސަލާހް ފިޓްވާނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ.
"މިސްރުގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. ބެލްޖިއަމްއަށް މެޗު ފަސޭހަވީ ކުރީބައިގައި ގޯލެއް ޖެހުމުން. ސަލާހް ނެތި މިސްރުން ކުޅޭ ކުޅުން ވަރަށް ތަފާތު. އަހަރެންގެ އުންމީދަކީ އަނިޔާއިން ސަލާމަތްވެ ސަލާހް ވޯލްޑް ކަޕްގައި ކުޅުން. އޭނާއަށްޓަކައި އަހަރެން ވޯލްޑް ކަޕްގައި ސަޕޯޓް ކުރާނީ މިސްރަށް،" ރޭގެ މެޗަށްފަހު ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ގުޅައި، އަވަސް ޝިފާއަކަށް އެދުނު ކަމަށާއި، ސަލާހަކީ އަބަދުވެސް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.
މިސްރު ހިމެނެނީ ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައެވެ. އެ ޓީމުގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރަޝިޔާއާއި އުރުގުއޭ އަދި ސައުދީ އަރަބިޔާއެވެ.
ބެލްޖިއަމް ހިމެނެނީ ޖީ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިނގިރޭސިވިލާތާއި ޕެނަމާ އަދި ޓިއުނޭޝިޔާއެވެ.