ހއ. އުލިގައުމުގައި ބަނދަރުކުރުމަށް ފަހު ފުރައިގެން ދަނިކޮށް ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ފޭރިގަތް ޑެންމާކްގެ ޔޮޓެއްގެ ފަސް ފަޅުވެރިން ހަ މަސް ދުވަސް ފަހުން ދޫކޮށްލައިފި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޑެންމާކްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ދަ މެރިޓައިމް އެގްޒެކެޓިވް ނަމަކަށް ކިޔާ ނޫހަކުން ބުނީ ޑެންމާކްގެ ރާއްޖެ އިން ފުރައިގެން ދަތުރު ކުރަމުން ދިޔަ އެޔޮޓް ސޯމާލިޔާއާ 300 މޭލު ދުރުން ފޭރިގަތް އިރު ޔޮޓްގައި ދެމަފިރިއަކާއި ތިން ކުދިން ތިބި ކަމަށެވެ. އަދި މިދިޔަ ފެބްރުއަރީ މަހު އެމީހުން ހައްޔަރު ކުރުމާ އެކު ޑެންމާކްގެ ނޭވަލް ކޮމާންޑަށް އެކަން އެނގިފައިވާ ކަމަށާއި އެމީހުން ސަލާމަތް ކުރުމަށް ފައިސާ ދޭން ކަނޑުފޭރޭ މީހުން އެދިފައިވާ ކަމަށް ވެސް އެނޫސް ބުންޏެވެ.

އޭއެފްޕީއާ ވާހަކަ ދެއްކި އަބުދުލް ވައްހާބު ނަމަކަށް ކިޔާ ސޯމާލިޔާ މީހަކު ބުނެފައިވާ ގޮތުގައި ޑެންމާކްގެ އާއިލާ ދޫކޮށްލުމާ މެދު ކަނޑުފޭރޭ މީހުން ވަނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޑެންމާކް ސަރުކާރާ ވާހަކަ ދައްކައިފަ އެވެ. އަދި އެމީހުން ދޫކޮށްލުމަށް ކަނޑުފޭރޭ މީހުން އެއްބަސްވީ ތިން މިލިޔަން ޑޮލަރުގެ ފިދުޔައަކަށެވެ. އަދި ޑެންމާކް ސަރުކާރުން ކަނޑުފޭރޭ މީހުންނަށް އެ ފައިސާ ފޯރުކޮށްދީފައި ވަނީ ވައިގެ މަގުން އެމީހުން ތިބި ތަނަށް ފައިސާ ވައްޓާލައިގެން ކަމަށް ވެސް މެރިޓައިމް އެގްޒެކެޓިވްގައިވެ އެވެ.

ނަމަވެސް ޑެންމާކްގެ ފޮރިން މިނިސްޓަރު ލެނޭ އެސްޕާސެން ވިދާޅުވެފައި ވަނީ ޑެންމާކް ސަރުކާރުން ކަނޑުފޭރޭ މީހުންނަށް ފިދުޔަ ދީފައި ނުވާ ކަމަށާއި އެއީ އެގައުމުން ކުރާ ކަމެއް ނޫންކަމަށެވެ. އަދި ފޭރޭ މީހުންނަށް ފައިސާއެއް ދިން ނަމަ ދީފައި ވަނީ އާއިލާގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.