އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްރޭހުގެ ފައިނަލަށް ޓީމް އެންޒީ އަދި އެޗްޑީސީ ދަތުރުކޮށްފިއެވެ.

‎ރޭ ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ކުރިއަށް ދިޔަ މަސްރޭހުގެ ތިންވަނަ ސެމީފައިނަލްގައި ހަތަރު ޓީމެއް ވަނީ ވާދަ ކޮއްފައެވެ. އޭގެ ތެރޭގައި ޓީމް ކޯސްޓްލައިން، ޓީމް އެޗް.ޑީ.ސީ، ޓީމް އެންޒީ އަދި ޓީމް ކޮންރެޑް ވަނީ ވާދަ ކޮއްފައެވެ.

އުރީދޫއިން ބުނީ މަސްރޭހުގެ ފައިނަލްގައި ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ދެވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ އެކު ކަމަށެވެ.

މަސްރޭހުގެ ފައިނަލް އިވެންޓް ފިޠުރުޢީދުގެ ޚާއްޞަ ޙަރަކާތްތަކާއިއެކު ޖޫން 15ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި މާލޭ ސަރަހައްދަށް އެކަނި މަސްރޭސް މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރުގެ ކޮލިފައިން ބުރުތައް އަތޮޅު ތެރޭގެ އެކިއެކި ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އުރީދޫއިން އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް މަހުން ފެށިގެން ތިން މަހުގެ މުއްދަތަށް 10 އިވެންޓަކަށް ބަހާލައިގެންނެވެ.